ގަވާއިދާއި ޚިލާފަށް ހުޅުމާލޭގައި އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގަނެފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، ނޮވެންބަރު 10 ވަނަ ދުވަހު ކުރިއަށް ގެންދިއަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން ހުޅުމާލޭގެ 4 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން، މިއޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް މި ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން، އިމިގްރޭޝަނުން ވަނީ މިމަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑް އޮޕްރޭޝަނެއްގައި ވެސް ހުޅުމާލޭގައި ސެލޫން ހިންގަމުން އަންނަ 6 ތަނެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދައި ޚިލާފަށް އުޅެމުން ދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގާވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ހުސްވި އޮކްޓޯބަރު މަހުގެ 21 ގެ ނިޔަލަށް 4361 ބިދޭސީއަކު ފުރުވާލާފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ވަނީ ވިދާޅުވެފައެވެ.


