މި ސަރުކާރުން ގާއިމު ކުރަން ނިންމަވާފައިވާ ފައިނޭންޝަލް ސެންޓަރު، އެޅުމުގެ މަގު ފަހިކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގަތަރު ފައިނޭންޝަލް ސެންޓަރާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އަބޫ ދާބީ ގްލޯބަލް މާކެޓް ރެޖިސްޓްރޭޝަން އޮތޯރިޓީ (އޭޑީޖީއެމް) އާއިއެކު ހަދާފައިވާ މިފަހުމުނާމާގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ. އަދި އޭޑީޖީއެމްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަމާދު ސަޔާހް އަލް މަޒޫރީއެވެ.
މިފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު ސައީދު ވިދާޅުވީ މި ފަހުމުނާމާއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިއީ ގަތަރު ފައިނޭންސް ސެންޓަރުގެ ތަޖުރިބާ އާއި އިލްމު ހޯދުމުގެ ފަހުމުނާމާއެއްގެ އިތުރަށް ރާއްޖެ އާއި ގަތަރުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ރަމްޒުކޮށްދޭ ފަހުމުނާމާއެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއެއްބަސްވުމުގެ ދަށުން ރާއްޖޭގައި މާލީ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ އިލްމު ފޯރުކޮށްދީ، މާލީ ހިންގުމުގެ ދާއިރާ އާއި، ރެގިއުލޭޓުކުރުމުގެ އޮނިގަނޑުތައް އެކުލަވައިލުމާއި، މާލީ މަރުކަޒުތައް ހިންގުމުގެ އިސްތިރާޖިއްޔާތައް އެކުލަވައިލުން ފަދަ ކަންކަމުގައި ގަތަރު މާލީ ސެންޓަރުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެގޮތުން ދެ ގައުމުގެ މެދުގައި ބަދަލުކުރެވޭ އެހީއާއި އެއްބާރުލުމުގެ ތެރެއިން އިގުތިސާދީ ކުރިއެރުމާއި ތަރައްގީ ހާސިލުކުރެއްވި ދެ ގައުމަށް ވެސް މުހިންމު މަންފާތަކެއް ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ.




