ރާއްޖޭގެ ތަރައްޤީ އިތުރަށް ކުރިއެރުވުމަށްޓަކައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ”ޓްރާންސްފޯމިންގް ޓުމޯރޯ“ ގެ ނަމުގައި ގިނަ ޕްރޮޖެކްޓުތަކެއް ލޯންޗުކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ކީ މިޕްރޮޖެކްޓުތައް ރަސްމީކޮށް ލޯންޗުކޮށްދެއްވީ، މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދެވެ. އެމަނިކުފާނު އަރިހުގައި ބައިވެރިވެވަޑައިގެންނެވީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

އެޗްޑީސީން ލޯންޗުކުރި ކީ ޕްރޮޖެކްޓުތައް:
- ރަސްމާލެ ޕްރޮޖެކްޓު- ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ
މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންތެރި ލީޑަރޝިޕްގެ ދަށުން ރަސްމާލެ މަޝްރޫއު ފެށީ ޑިސެމްބަރު 2023 ގައި.
- ބިމުގެ ގޮތުން ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު މި ޕްރޮޖެކްޓަކީ 325،000 މީހުންގެ އާބާދީއަށް ދިރިއުޅުމުގެ ފަސޭހަތައް ހޯދައި ދިނުމަށް ތަރައްގީކުރާ ޕްރޮޖެކްޓެއް.
- މި ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓު ތަރައްގީ ކުރެވޭނެ.
- މި މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ.
- ރޯ ހައުސް- މޮޑާރން ކަނެކްޓެޑް ހޯމްސް، (ހުޅުމާލެ)
- ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ފަދައިން، ހުޅުމާލެ ފޭސް 2 ގައި މުޅިން އާ ރޯ ހައުސްތަކެއް އެޅުމަށް ޕްލޭންގައި މިވަނީ ހިމަނާފަ.
- މި މަޝްރޫއުގެ ދަށުން 32 ޔުނިޓް އެޅިގެންދާނެ.
- މި ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރާނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި، ޕޫލް އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު.
- މިއީ، ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެޅޭ ފިޔަވަޅެއްގެ އިތުރުން، ވަޒީފާގެ ފުރުސަތުތައް ފަހިވެ، ލޯކަލް އިގްތިސާދު ހަރުދަނާވެ، އަދި އާންމުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ މަޝްރޫއެއް.

- ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސް- (ހުޅުމާލެ)
- ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހުޅުމާލޭގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއު ކުރިއަށްގެންދިއުމަށް މިވަނީ ނިންމާފަ.
- މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމްކުރެވިގެންދާނެ.
- އެއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިންގ އެޕާޓްމަންޓްސް.
- މި މަޝްރޫއުގެ ތެރެއިން، ދިވެހި ވިފަރާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައްވެސް ގާއިމްކުރުމަށް ވަނީ ނިންމާފަ.
- މޮޑާރން ޕްރީފެބް ހޯމްސް- އިނޮވޭޓިވް އަދި ސަސްޓެއިނަބަލް ލިވިންގ (ހުޅުމާލެ)
- ރާއްޖޭގެ އިމާރާތްކުރުމުގެ އިންޑަސްޓްރީއަށް އިނޮވޭޓިވް ސޮލިއުޝަނެއްގެ ގޮތުގައި ޒަމާނީ ޕްރީފެބް ގެތައް ތައާރަފުކުރުން.
- މިއީ، ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް.
- މޮޑާރން ޕްރީފެބް ގެތަކަކީ ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެއް.
- ސަރުކާރުން މި މަހު 5 ވަނަ ދުވަހު އިފްތިތާހުކުރި ”ހިޔާވަހި ފައިނޭންސް ސްކީމް“ގެ ދަށުން، %5 އަށްވުރެ އިންޓްރެސްޓް ބޮޑު ނުވާގޮތަށް ދޫކުރާ ލޯނު ސްކީމާއި، މާލެ ސަރަހައްދަށް ދޫކުރާ 6 މިލިއަން ރުފިޔާގެ ލޯނު ސްކީމުން، މި ޕްރީ ފެބް ގެތައް ބައްލަވައިގަތުމަށް ފަސޭހަވެގެންދާނެ.
- މިއީ، ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީއާއި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް.
- ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިންގ (ހުޅުމާލެ)
- ފަރުކޮޅުފުށި، ގޭޓެޑް ކޮމިއުނިޓީއަކީ ޕްރައިވެޓް ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއެއް.
- އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސަރވިސް އެޕާޓްމަންޓް ތަރައްގީ ކުރާނެ.
- އެތަނުގެ ވަށައިގެން ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތައް ގާއިމްކުރާނެ.
- އަދި އިވެންޓު ސްޕޭސް ވެސް ފަރުކޮޅުފުށީގައި ގާއިމް ކުރެވިގެންދާނެ.
- މީގެ އިތުރުން5 ފަންގިފިލާގެ ހޮޓެލް އިމާރާތެއް އެތަނުގައި ގާއިމްކުރާނެ. އެއީ، 85 ކޮޓަރި ހިމެނޭ އިމާރާތެއް.
- އެ ހޮޓަލުގައި ޕޫލްއާއި، އިވެންޓް ހޯލް އަދި ވީއައިޕީ ޕާކިންގ ހިމެނޭނެ.
- މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް، ހައުސިންގެ އިތުރުން، ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށޭ މުހިންމު މަޝްރޫއެއް.
- މި މަޝްރޫއުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދު އިތުރަށް ފުޅާވެ، އާއްމު ތަނަވަސްކަން އިތުރުވާނެ.
- އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ)
- ސަރުކާރު ހިއްސާވާ ކުންފުނިތައް އެއް އިމާރާތެއްގައި ހިންގޭ ގޮތަށް، ހުޅުމާލޭގައި އެސްއެމްއީ ބިލްޑިންގ އެއް އެޅުމަށްވެސް ޕްލޭންގައި މިވަނީ ހިމަނާފަ.
- 10 ފަންގިފިލާގެ މި އިމާރާތް ތަރައްގީ ކުރެވިގެންދާނީ އެސްއޯއީތައް ހިންގުމަށް އެންމެ އެކަށީގެންވާ ގޮތަށް.
- އަދި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި އިމާރާތުގައިވެސް ކޮމާޝާލް ޔުނިޓުތައް ހިމެނޭނެ.
- އަޅުގަނޑުމެންގެ މެގަ ޕްރޮޖެކްޓުތަކުގެ ތެރޭގައި އެސް.އެމް.އީ ބިލްޑިންގ އެއް ތަރައްގީކުރުން ހިމެނުމުގެ މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އިތުރު ފުރުސަތު ފަހިކޮށްދިނުން.
- މިއީ ލޯކަލް ވިޔަފާރިތައް ބާރުވެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅު ދަށުން ހިންގާ މަޝްރޫއެއް.
- މި އެސްއެމްއީ ބިލްޑިންގައި ކޮންފަރެންސް ރޫމްތަކާއި، ކޯ ވޯކިންގް ސްޕޭސްގެ އިތުރުން ރޫފް ޓޮޕް ގާޑެން ހިމެނޭނެ. އަދި އިމާރާތުގައި ކޮމާޝަލް އައުޓްލެޓްސް ވެސް ހުންނާނެ.
- އެޗްޑީސީ ބިލްޑިންގް (ހުޅުމާލެ)
- އެޗްޑީސީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އާ ހެޑް އޮފީހެއް އެޅިގެންދާނެ.
- މި ހެޑް އޮފީސް އިމާރާތުގައި ކޮމާޝަލް ސްޕޭސްތައް ހުންނާނެ. އަދި ޓްރެއިނިންގ ސެންޓަރަކާއި، ރިކްރިއޭޝަނަލް އޭރިއާ، ޑެކެއަރ، އެކްސްޕީރިއެންސް ސެންޓަރު، އެގްޒިބިޝަން އަދި ޕާކިންގ ސްޕޭސްތައް ހިމެނޭނެ.
- މި ބިލްޑިންގެ އެންމެ ބޮޑު އެއް މަގްސަދަކީ އެފިޝިއެންޓް ވޯކް ސްޕޭސްއެއް އުފެއްދުން.

- އެލްޑަލީ ކެއާ ފެސިލިޓީ (ހުޅުމާލެ)
- މިތަނުން އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ، އެގޮތުން ކޮމްޕްރިހެންސިވް ކެއާގެ ދަށުން އިސްރަށްވެހިންނަށް ހެލްތް އެންޑް ވެލްނެސް ޕްރޮގްރާމްތައް ހިންގޭނެ.
- އަދި އެފަރާތްތަކަށް ބޭނުންވާ އެންމެ އެކަށީގެންވާ ނިއުޓްރިއަސް މީލްސް ނުވަތަ ކެއުން ލިބޭނެ.
- މިއީ، އިސްރަށްވެހިންނަށް ދިރިއުޅުމަށް ހިތްފަސޭހަ މާހައުލަކަށް ވާނެ އަދި އެތަނުގައި އޮފީސް ސްޕޭސްތައްވެސް ހުންނާނެ.
- އެތަނުން ކޮންމެ އިސްރަށްވެއްސަކަށް ބޭނުންވާ ސްޕެލައިޒްޑް ކެއާ ލިބޭނެ އަދި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ޕްރޮގްރާމްތައް ހިންގޭނެ.
- އަދި މިތަން ތަރައްގީ ކުރާނީ އެންމެ ފަހުގެ ވަސީލަތްތަކާއި ސެކިއުރިޓީ ހިމެނޭ ގޮތަށް.
- ޕާކިންގ ބިލްޑިންގ- އިނޮވޭޓިވް ޕާކިންގ ސޮލިއުޝަން (ހުޅުމާލެ)
- މި ސަރުކާރުން ވެހިކަލް ޕާކިން މައްސަލައަށް ހައްލު ހޯދުމަށް، ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ ތަރައްގީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިވަނީ ފަށާނަ.
- ސޯލާ ހަކަތަ ބޭނުންކުރާ ގޮތަށް ފަރުމާކުރާ މި 15 ޕާކިން އިމާރާތުގައި 4،000 އަށް ވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްކުރެވޭނެ.
- މިތަންތަން ތަރައްގީކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސް ވެވޭ ގޮތަށް.
- އަދި އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަންތައްވެސް ހިމެނޭ ގޮތަށް.
- އޭގެ އިތުރުން، އެކި ޕާކިންގް ބިލްޑިންތަކަށް ބަހާލައިގެން، ރޫފް ޓޮޕްގައި ރެސްޓޯރެންޓުތަކާއި، ޓެނިސްއާއި، ސްކޭޓް ޕާކާއިމ މިނީ ގޮލްފްއާއި ޖިމް އަދި ރޮކް ކްލައިމްބިން ތަރައްގީ ކުރާނެ.
- މި މަޝްރޫއަކީ މަގުގެ ދެފަރާތުގައި ޕާކު ކޮށްފަ ހުންނަ މައްސަލައާއި، މަގު ތޮއްޖެހުމުގެ މައްސަލައަށްވެސް ހައްލު ހޯދައިދޭނެ މަޝްރޫއެއް.
- އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ)
- އައިލް އެޑްވެންޗާ ޕާކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ރޭސިންގ ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް، ހުޅުމާލޭގައި ތަރައްގީކުރާ މަޝްރޫއެއް.
- މިއީ، އާންމު ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ތަފާތު ވަސީލަތްތައް ގާއިމްކުރުމުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް.
- މިއީ، ޒުވާނުންނަށް މިފަދަ ކަންކަމުން ހުނަރު ތަރައްގީކޮށް، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ވާދަކުރުމުގެ ފުރުސަތު ފަހިވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެ.
- މިތަން ހުންނާނީ ބީޗަށް އެކްސެސް ވެވޭ ގޮތަށް.
- އޭގެ އިތުރުން، މިތަނުގައި ކުދި ފިހާރަތަކާއި، ފުޑް އެންޑް ބެވެރެޖް އައުޓްލެޓްތައް އަދި އޮން ސައިޓް ހޮޓެލް ސާވިސަސް ލިބޭނެ.
- މި މަޝްރޫއުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ރަނގަޅު އަސަރު ކުރާނެ އަދި ވަޒީފާގެ ފުރުސަތުތައްވެސް ފަހިވާނެ.

- ހިސްޓްރީ ސެންޓަރު (ހުޅުމާލެ)
- ދިވެހިންގެ ދިވެހިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުކަމުގެ ދަށުން، ”ދިވެހިންގެރާއްޖެ“ ސްލޯގަންއާ އެއްގޮތަށް، ދިވެހިންގެ ތާރީހު ދައްކުވައިދޭ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކުރުމަށް މިވަނީ ނިންމާފަ.
- މިއީ ރާއްޖޭގެ ތާރީހު ކިޔައިދީ، އަންނަން އޮތް ޖީލުތަކާ ހަމައަށް އެ ވާހަކަތައް ގެނެސްދިނުމުގެ މަގްސަދުގައި ތަރައްގީ ކުރެވިގެންދާ ތާރީހީ މަރުކަޒެއް.
- މިތަން ތަރައްގީ ކުރެވިގެންދާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި.
- މިތަނުގެ ސަބަބުން އަންނަ އޮތް ޖީލުތަކަށް ކުރިން ދިވެހިން ކަންކަން އުޅުނު ގޮތާއި ދިވެހިންގެ ތާރީހު އޮތްގޮތަށް އަދުގެ ޅަދަރިންނަށް އިނގޭނެ.
- މިއީ ކުޑަކުދިންނަށް ޝައުގުވެރި ގޮތަށް ދިވެހި ތާރީހު ކިޔައިދިނުމަށް މުހިންމު ރޯލެއް އަދާކުރާނެ މަރުކަޒެއް.
- މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް ރާއްޖޭގެ ތާރީހު ދައްކާލުމަށް މުހިންމު މަޝްރޫއެއް.
- ނޮލެޖް ޕާކް- އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ)
- ހުޅުމާލޭގައި ތަރައްގީ ކުރެވިގެންދާ މި ނޮލެޖް ޕާކުން ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާ ބަދަލުކޮށްލާނެ.
- މިއީ، ތައުލީމު އުންގަންނައިދޭ މަރުކަޒުތަކަށް މާލެ ސަރަހައްދުގައި އޮތް ޑިމާންޑަށް ލުއިކަމެއް ގެނެސްދެވޭނެ ޕްރޮޖެކްޓެއް.
- އެގޮތުން މިތަނުން، މާލެ ސަރަހައްދުގެ ވަކިވަކި ކޮލެޖް ޔުނިވާސިޓީތައް ހިންގުމަށް ޖާގަ ދޫކުރެވޭނެ.
- މިތަން ތަރައްގީ ކުރާނީ އުނގަންނައިދޭ އެކިއެކި އިންސްޓިޓިއުޓްތައް ހިމެނޭ ގޮތަށް. އެތަނުގައި ލެކްޗަރ ހޯލްސްތަކާއި، ސްޓާފް ރޫމް، މީޓިންގ ރޫމް އަދި ލެބޯޓަރީތަކުގެ އިތުރުން މެނޭޖްމަންޓް އޮފީހެއް ހިމެނޭނެ.
- އޭގެ އިތުރުން މި ނޮލެޖް ޕާކުގައި ސްޓޫޑެންޓް ހޮސްޓެލްތައްވެސް ހުންނާނެ.
- ނޫވެލި- އައިލެންޑް ރިޓްރީޓް (ގަލުފަޅު)
- މިއީ، ތަރައްގީގެ ބިޔަ މަޝްރޫއެއްގެ ގޮތުން، ގަލުފަޅުގެ ފަޅުތެރޭގައި ”ނޫވެލި“ ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރުމުގެ މަޝްރޫއެއް.
- މިތަނަކީ މާލެ އަދި ހުޅުމާލެއާ ވަރަށް ކައިރީގަ އޮންނަ ގަލުފަޅުގައި ތަރައްގީކުރާ ތަނެއް.
- މާލެއާ 10 މިނެޓު ދުރުގައި އޮންނަ މިތަނުގައި ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރެވިގެންދާނެ.
- މިތަނުގައި ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރު، ރިކްރިއޭޝަނަލް ސްޕޭސެސް، ބޯލް ގޭމްސް އަދި ކޮމާޝަލް ޕްލާޒާ ހުންނާނެ.
- އަދި އޭގެ އިތުރުން އިވެންޓު ސްޕޭސް ތަކާއި، ކޮންވެންޝަން ސެންޓަރާއި އެގްޒިބިޝަން ހޯލްސް އަދި ބެންކުއެޓް ހޯލްސް ހުންނާނެ.
- މި ޕްރޮޖެކްޓުގެ ސަބަބުން ކައިރި މި ސަރަހައްދުގެ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވާނެ.
- ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް (ކުޑަގިރި ފަޅު)
- ”ކިނާރިއާ“ ޑެސްޓިނޭޝަން އައިލެންޑަކީ ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިންގ އަދި ހިތްހަމަޖައްސާލުމަށް ދިއުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކުރާ އައިލެންޑެއް.
- ކުޑަގިރި ފަޅުގައި ތަރައްގީކުރާ މިތަނަށް، މާލެއިން ސްޕީޑް ބޯޓުގައި 15 މިނެޓުން ދެވޭނެ
- މިތަން ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެވެސް ގޮތުގަ. އެގޮތުން، ގެސްޓް ހައުސް ސްޓޭއާއި ސްޕާތައްވެސް މިތަނުގައި ހުންނާނެ.
- މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މުނިފޫހި ފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގޭ މަޝްރޫއެއް.
- ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް (ހުޅުމާލެ)
- އެޗްޑީސީން މިވަނީ ހުޅުމާލޭގައި މުޅިން އާ ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސްއެއްވެސް ގާއިމްކުރުމަށް ނިންމާފަ.
- ރައީސްގެ ވިޝަންއާ އެއްގޮތަށް ތަރައްގީކުރާ މިތަނަކީ ކޯލްޑް ސްޓޯރޭޖާއި، އެމްޕަލް ވެއާހައުސިންގް އަދި ލޯކަލް ވިޔަފާރިތަކަށް ސްޕާޓް ވެއާހައުސް ކޮމްޕްލެކްސް ހިމެނޭނެ ތަނެއް.
- މި ފެސިލިޓީގެ ސަބަބުން މުދާ ރައްކާކޮށް ބެލެހެއްޓުމުގެ ކުރުމުގެ ހަރަދު ކުޑަކުރެވި، ވިޔަފާރުތައް ބާރުވެރި ކުރުވޭނެ.
- ސީނިކް ސިޓީ- ގަސް އިންދުމުގެ މަޝްރޫއު (ހުޅުމާލެ)
- މިއީ، މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދަން ނިންމާފައިވާ ގަސް އިންދުމުގެ މަޝްރޫއެއް.
- މި މަޝްރޫއުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ހިއްކާފައިވާ ރަށްތަކުގައި ގަސް އިންދުމުގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތައް ތަރައްގީ ކުރާނެ.
- އޭގެ އިތުރުން ހުޅުމާލޭގެ ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އެއްވެ އުޅޭނެ ސަރަހައްދުތަކާއި ބެންޗުތައް ގާއިމްކުރެވޭނެ.
- އަދި މަގުގެ ދެފަރާތުގައި ހިޔާ ލިބޭ ގަސްތަކާއެކު ޖޮގިންނާއި ބައިސްކަލް ދުއްވާނެ ސަރަހައްދުތައް ހެދިގެންދާނެ.
- މިއާއެކު އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތަކުގެ ފެހިކަން އިތުރުވެ، މަލަމަތި ރީތިވެ، ހުޅުމާލޭގެ ރައްޔިތުންނަށްވެސް ފެހިކަންގަދަ މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ.

މިރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ އެޗްޑީސީގެ މި ޕްރޮޖެކްޓުތަކުގެ ކޮންމެ ދިމާލަކަށް ބެލިކަމުގައި ވިޔަސް ފެންނާނީ ތަރައްޤީގެ އަލިމަގު ކަމަށެވެ.
”މިސަރުކާރުން އެޗްޑީސީއާ ހަވާލުވުމަށްފަހު ބޮޑެތި ގޮންޖެހުންތަކެއް ކަނޑައްތު ކޮށްފައި މިއަދު މިހިސާބަށް މިއާދެވުނީ.“ އެމްޑީ ފަޒުލް ވިދާޅުވިއެވެ.
އެޗްޑީސީގެ އެމްޑީ ވިދާޅުވީ މިއީ އެކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން އާދެވުނު ހިސާބެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި އެކުންފުނީގެ ހީވާގި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.


