ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ އުސޫލު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައި ވަނީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލު އިސްލާހުކޮށް، ޤާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމަށް ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމަށެވެ.
މީގެއިތުރުން، މިގާނޫނު އިސްލާހު ކުރުމުގެ މަޤުސަދުގެ ގޮތުގައި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހާރު ހުށަހަޅާ ފޯމު ޤާނޫނުގެ ޖަދުވަލުގައި ހިމެނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތްވާގޮތުގެ މަތިން ހުށަހެޅޭގޮތަށްވެސް މި އިސްލާހުގެ ދަށުން ހަމަޖެއްސުން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން މިބިލު ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓުންނެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުން ވަނީ ބިލު ފާސް ކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވާފައެވެ.
މިހާރު ސިޔާސީ ޕާޓީތަކަށް އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެއްގެ ފައިސާ ދޫކުރާއިރު މިއަދު ފާސްކުރެވުނު އިސްލާހުގެ ދަށުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ އަހަރީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެކެވެ.
މީގެއިތުރުން، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަކުރުމާ ގުޅޭގޮތުން އޮތް މާއްދާ ވެސް މިއިސްލާހުގައި ވަނީ އުނިކޮށްފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބަޔާންކުރައްވާފައިވާގޮތުން ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވުމުގެ އިތުރުން، އެ އަމަލެއް ހިންގި މީހަކު ނިސްބަތްވާ ޕާޓީއެއް ވެސް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.




