ސްޕޯޓްސް ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކޮށްފިއެވެ.
ހުސްވި ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ސްޕޯޓްސް ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ ސައިކަލު ދުއްވަންއިން ކަރެކްޝަންސްގެ އޮފިސަރު ހަސަން ސަމާހެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ވަނީ ކާރު ދުއްވަންއިން ސ. ހިތަދޫ، ވައިލެޓްފިހި، އުމުރުން އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ ދަށުން މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކާރު ދުއްވުމުގެ ލައިސަންސް ނެތި، ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން އިރުން ހުޅަނގަށް، ކާރުގައި ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާފައި ދަނިކޮށް، ހުޅުމާލެ ރީތިގަސްމަގުން ދެކުނުން އުތުރަށް ދުއްވާފައި އައިސް ބަގީޗާހިނގުމަށް ނިކުތް ސައިކަލުގައި، ކޮންޓްރޯލު ނުވެގެންގޮސް ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުން އެ ސައިކަލު ދުއްވަންއިން ލ.އިސްދޫ، ބީޗްހައުސް، ޙަސަން ސަމާޙް ނިޔާވެފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި ދައުވާ ވިސާމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ހަމަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޕީޖީ ކަނޑައަޅާއިވެއެވެ.
ސަމާހުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައި ވަނީ ހުސްވި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
މިމައްސަލަ އާއި ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވިސާމްގެ ވަކީލު ބުނީ ބާރު ސްޕީޑުގައި ކާރު ނުދުއްވާ ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލު ވަންވޭ އިދިކޮޅަށް ދުއްވުމުން ކަމަށެވެ. އަދި މިކަމަށް ބާރުލިބިދޭ ހެކި ހުރި ކަމަށް ވެސް ވަކީލު ބުނެފައިވެއެވެ.




