އއ، ރަސްދޫގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ޗައިނާ ޓޫރިސްޓެއް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވި ހާދިސާގައި، އެޓޫރިސްޓު ސްނޯކްލިންއަށް ގެންދިޔަ އެކްސްކާޝަން ސެންޓަރުގެ ލައިސަންސް އޮތީ ހަމަވެފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ހުސްވި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވެފައި ވަނީ އުމުރުން 27 އަހަރުގެ ޗައިނާ ޓޫރިސްޓެކެވެ. ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވި އެޓޫރިސްޓު ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން މިއަދު މަޖިލީހުގައި ބޭއްވި ގަވާއިދު ކޮމިޓީގައި މެމްބަރު މުހައްމަދު އިބްރާހީމް، ޓޫރިޒަމް މިނިސްޓްރީއާ ސުވާލުކުރުމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، ފަތުރުވެރިޔާ ސްނޯކްލިންއަށް ގެންދިޔަ އެކްސްކާޝަން ސެންޓަރަކީ ރަޖިސްޓްރީކޮށްގެން ހިންގި ތަނެއް ކަމަށެވެ.
އެހެންނަމަވެސް، އެ ހާދިސާ ހިނގީ އެ ސެންޓަރުގެ ލައިސަންސް މުއްދަތު ހަމަވެފައި ވަނިކޮށްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މިކަމާ ގުޅޭ ގޮތުން އިންޓާނަލް ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ކަމަށާއި، ގާނޫނުގައި އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅެއް އެ އެކްސްކާޝަން ސެންޓަރާ މެދު އަޅާނެ ކަމަށެވެ.
”އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފާހަގަވީ ހާދިސަ ހިނގުމަށްފަހުގައި އެ ފަރާތުން ރަޖިސްޓްރީ ކުރުމަށްޓަކައި އެޕްލިކޭޝަނެއް ލާފައި އޮތްކަން،“ އޭނާ ވިދާޅުވިއެވެ.
މިއާއި ގުޅޭގޮތުން މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ މިފަދަ ހާދިސާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެކަނެ ކަމަށެވެ. އަދި އެހެންކަމުން ގެއްލުން ކުޑަކުރަން މިނިސްޓްރީން އަޅަން ވިސްނާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ވެސް މެންބަރު ވަނީ ސުވާލުކުރައްވާފައެވެ.
މިއާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ، މިނިސްޓްރީގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނުން ލާޒިމްކޮށްފައި އޮތް ގަވާއިދެއް ތަންފީޒު ނުކުރެވި އޮތް އޮތުން ކަމަށެވެ. އަދި ދާދި ފަހުން ހިނގި މިފަދަ ދެ ހާދިސާއާ ގުޅިގެން މިހާރު ފުލުހުންނާއި މިނިސްޓްރީ ގުޅިގެން ކޮމިޓީއެއް ވެސް އެކުލަވާލައިފައި ވާކަން ހާމަކުރައްވާ ނާޒިމް ވިދާޅުވީ މި މައްސަލަތައް ތަހުގީގުކުރުން ބާރު ސްޕީޑުގައި ކުރިއަށްދާކަމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.




