މިސަރުކާރުން 52 ހަފްތާ ކަނޑަތުކުރީ ގައުމު ބަނގުރޫޓުވިޔަ ނުދީ، ދަރުވާ ނުލައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން އިންތިޒާމުކޮށްގެން ގެނެސްދިން ’ހަފްތާ 52‘ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ބައެއް ސިޔާސީ މަދު ފަރާތްތަކުން އެކިއެކި ކޮޓަރިތަކާއި އާއި އެކިއެކި ތަންތާންގައި ސައްލާތައް ބާއްވާ، ގައުމު ބަނގުރޫޓު ވަނީކަމަށް ބަލައިގެން އެކަމުގެ އުފާ ފާޅުކުރާ ކަމަށެވެ.
އެހެންނަމަވެސް އެބޭފުޅުން އެފަދައިން ސައްލާ ކުރެއްވިއިރު، ސަރުކާރުން ދިޔައީ ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކު މަސައްކަތް ކުރައްވަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާލަތަށް ދިޔައިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ އެއްވެސް ގައުމަކާއި ނުޖެހި، ގައުމުތަކާއި ގުޅުން ބަރާބަރަށް ބާއްވަމުން އަދި ޑިޕްލޮމެޓިކް ފޮރިން އެފެއާޒްގެ ދާއިރާގެ މަސައްކަތްތައް ވެސް ކުރައްވާ ކާމިޔާބު ހޯއްދަވަމުން ކަމަށެވެ.
”މިހާލަތަށް ދިޔައިރުގައި ސަރުކާރު ދިޔައީ ވަރަށް ބާރަށް ވަރަށް، ހިކުމަތްތެރިކަމާއިއެކު ޑރ މުޢިއްޒުގެ މަސައްކަތްފުޅު ދިޔައީ އެއްވެސް ގައުމަކާއި ނުޖެހި ގައުމުތަކާއި ގުޅުން ބަރާބަރަށް ބާއްވަމުން އަދި ޑިޕްލޮމެޓިކް ފޮރިން އެފެއާޒްގެ ދާއިރާގެ މަސައްކަތްތައް ވެސް ކުރަންމުން ކާމިޔާބުތައް ހޯދަމުން“ ވަޒީރު ވިދާޅުވިއެވެ.
މިއާއިއެކު، މިއަދު މިސަރުކާރުން 52 ހަފްތާ ނިންމާލިއިރު، ގައުމު ދަރުވާލާފައި ނުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއަންނަ އަހަރު އުފާވެރި ހަރަކާތްތެރި ބުންވަރު ހުރި އިގްތިސާދީ ކުރިއެރުމެއް ލިބޭނެކަމަށް ވޯލްޑް ބޭންކުން ބުނެފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ 6.3 ނުވަތަ 6.5 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ވޯލްޑް ބޭންކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
”ދިވެހިރާއްޖެ މިއަދު 52 ހަފްތާ ކަނޑަތު ކުރިއިރުގައި މިގައުމު ނުއެއް ދަރާ އަދި އުފާވެރި ހަރަކާތްތެރި ބުންވަރު ހުރި އިގްތިސާދެއް މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ދިވެހިންނާއި ބައްދަލުކުރާނެ. އެވާހަކަ ވޯލްޑް ބޭންކުން މިހާރު އެއޮތީ ބުނެފަ. 6.3 ނުވަތަ 6.5 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ“ ވަޒީރު ސައީދު ވިދާޅުވިއެވެ.




