ކުރީ ސަރުކާރުން ޖަލު ގޮޅިތަކެއް އަޅަންވެގެން ހަރަދުތަކެއް ކޮށްފައި ހުރިއިރު، އެޖަލު ގޮޅިތައް ފެންނަން ނެތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ”ހަފްތާ52″ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު އެންމެ މުހިންމުކަމާއިއެކު ބޭނުންވޭ ކަސްޓޯޑިއަލް ފެސިލިޓީއެއް ކަމަށެވެ.
ސިޔާސީ މަންފާއަކަށްޓަކައި ޖަލުގައި އޮތް 150 މީހުންގެ ޖާގައިގެ ގޮޅިތައް ރަސްމިއްޔާތެއް ބާއްވާފައި ބެނާ ދަމާފައި ތަޅާލިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރަސްމިއްޔާތެއް ބާއްވާ ޖަލެއް ތަޅާލި ފަހަރު ކަމަށެވެ.
ވަޒީރު ވިދާޅުވީ އޭގެ ސަބަބުން މިހާރު ޖަލުގެ ކެޕޭސިޓީއެއް ނެތް ކަމަށާއި މީހުން ބަންދު ކުރާނެ ޖާގައެއް ނެތް ކަމަށެވެ.
އެހެންނަމަވެސް ތަޅާލި ޖަލު ގޮޅިތަކުގެ ބަދަލުގައި ޖަލު ގޮޅި އަޅަންވެގެން ހަރަދުތަކެއް ކޮށްފައި ހުރިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެގޮޅިތައް އަދި ފެންނާކަށް ނެތް ކަމަށެވެ.
”އެއަށް ރިޕްލޭސްމެންޓަކަށް ޖަލު ގޮޅި އަޅަންވެގެން ހަރަދުތަކެއް ކޮށްފައި އެބަހުރި. ގޮޅިތައް އަދި އަޅުގަނޑުމެން މިއެޅެނީ ނުފިނިގެން“ ވަޒީރު ވިދާޅުވިއެވެ
އެގޮތުން 50 ގޮޅި އިމާރާތް ކުރުމަށްޓަކައި 36 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް މީހަކަށް ހަވާލުކޮށްފައިވާކަން ހާމަކުރައްވާ ވަޒީރު ވިދާޅުވީ މިފައިސާގެ ތެރެއިން އެޑްވާންސް ފައިސާގެ ގޮތުގައި ނުވަތަ ޕްރޮގްރެސް ޕޭމެންޓުގެ ގޮތުގައި އެތައް ބައިވަރު ފައިސާއެއް ނަގާފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިގޮޅިތަކުގައި ހިދުމަތް ދެވެން ނެތް ކަމަށާއި ގޮޅިތަކުގެ މަސައްކަތް ނުނިމޭ ކަމަށެވެ. އަދި މީގެ ސަބަބުން، ހިދުމަތް ދެވެމުން އައި ޖަލުގެ ކެޕޭސިޓީ ކުޑަވެއްޖެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މާލޭގައި 50 އަކަށް މިލިއަން ރުފިޔާ ހަރަދުކޮށްފައި ހުރި ޖަލަކާއި އިންވެގެން ސްކޫލެއް އިމާރާތްކޮށްފައިވާ ކަމަށާއި، މިސަރުކާރާއި ހިސާބަށް އައިއިރު، ޖަލު ހުރީ ބަންދުކުރަން ޖެހިފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެއީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އެކިއެކި ޖަމިއްޔާތަކުން މިކަން މިގޮތަށް ކުރުމަށް މަޖްބޫރު ކޮށްގެންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މީގެ ސަބަބުން އަނެއްކާވެސް ގައިދުކުރުމުގެ ކެޕޭސިޓީ ދަށްވެގެންދާނެ ކަމަށެވެ.
”މީހުން ޖަލުގައި ގެންގުޅެގެން މިމުޖުތަމައަށް ބޭނުންތެރި ބަޔަކަށް ބަދަލުކުރެވި، ރިހެބިލިޓޭޓް ކުރެވި އަނގުރާ ގެނައުމުގެ ކެޕޭސިޓީ ކުޑަވެއްޖެ“ ވަޒީރު އިޙުސާން ވިދާޅުވިއެވެ.
މީގެ ނަތީޖާއަކީ ދޫކޮށްފައި ތިބޭ ކުށްވެރިންނާއި މުޖުތަމައުގެ ތެރޭގައި މިހާރު ކުށަށް އަރައިގަންނަ މީހުން އެއްވެ، އެމީހުން ރިހެބިލިޓޭޓް ކުރުމުގެ ފުރުސަތު މުޅި ދައުލަތުގެ ނެތިގެން ދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މިކެޕޭސިޓީ އަލުން ބިނާކުރަން ޖެހޭކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.



