ރާއްޖޭގައި ވޭޕް މަނާކުރާގޮތަށް ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް ގެނައި 1 ވަނަ އިޞްލާޙު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޞްދީޤުކުރައްވައިފިއެވެ.
މިބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން ވެސް މަނާކޮށްފައެވެ.
މިބިލު ރައީސް ތަސްދީގުކުރެއްވުމުން، ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވުމުގެ އިތުރުން، ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލުކޮށްފިނަމަ، އެކަން ކުރި ފަރާތާއި، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް ޖޫރިމަނާކުރުމާއި، އެ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު ވެސް ލިބިދީފައިވެއެވެ.
މީގެއިތުރުން، އުމުރުން 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދީންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދައިފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުޢާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުން މަނާކޮށްފައިވާއިރު، ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ކުޑަކުއްޖެއްކަން ނޫންކަން ޔަޤީންކޮށް، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ނުވިއްކުމަށް ވެސް ވަނީ އަންގާފައެވެ.
މިއިސްލާހުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް އެ ވިއްކާ ފަރާތަކުން އިސްތިހާރުކުރުމާއި، ޤާނޫނާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތްތައް ވިއްކާ ތަނެއްގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނޭހެން ބެހެއްޓުމާއި، އެފަދަ އެއްޗެއް އާންމުންނަށް ފެންނާނޭހެން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި، އެގޮތަށް މުދާ ބަހައްޓައިފި ނަމަ ނުވަތަ އުފުލައިފި ނަމަ، އެއީ އިސްތިހާރުކުރުން ކަމުގައި ބެލެވޭނެކަމަށް ވެސް މިއިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މިއިސްލާހުގެ ފާހަގަކޮށްލެވޭ އެންމެ މުޙިންމު އެއްކަމަކީ ދުންފަތް ކޮންޓްރޯލްކުރުމަށްޓަކާ ހަރުދަނާ ފިޔަވަޅުތަކަކާއިއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ޤާނޫނާ ޚިލާފުވެއްޖެ ނަމަ، ޖޫރިމަނާކުރެވޭނެ އަދަދުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން އެފަދަ ތަކެތި ރާއްޖެއަށް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެތެރެކުރާ ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ އެ ފަރާތެއް 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރަން ވެސް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށްވެސް މިއިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން މިއަދު މިބިލު ރައީސް ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. އެއާއިއެކު މިގާނޫނުގެ 2 ވަނަ މާއްދާއިން 10 ވަނަ މާއްދާއަށް ކަނޑައަޅާފައިވާ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާއަށް އަންނަ މަހުގެ 15 އިން ފެށިގެން އަމަލުކުރަން ފަށުމަށް ހަމަޖެހިފައިވާއިރު، މިގާނޫނުގެ ދެންހުރި މާއްދާތަކަށް މިރޭ 12 ގެ ފަހުން އަމަލުކުރަން ފަށާނެއެވެ.



