އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ކުދިންގެ މޮބައިލް ފޯނު ފަދަ ތަކެތި ބެލުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާކަމަށް ހައި ކޯޓުން ބުނެފިއެވެ.
ހައިކޯޓުން މިހެން ބުނެފައި ވަނީ 14 އަހަރުގެ ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން، 14 އަހަރުގެ ކުއްޖާ ބޭނުންކުރާ ސިމް ކާޑު ތަކާއި، މެމޮރީ ކާޑުތަކުގައި މައްސަލަ އާއި ގުޅުންހުރި ކޯލް ލޮގް، މެސެޖު އަދި މީސް މީޑިއާގެ ވަޒީލަތްތައް މެދުވެރިކޮށް މުވާޞަލާތުތައް ކޮށްފައި ހުރިތޯ ބެލުމަށް އެތަކެތީގެ ޕާސްވޯޑު ދިނުމަށް 14 އަހަރުގެ ކުއްޖާއަށް އަންގައި މައްސަލައިގެ ތަޙްގީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ހޯދުމަށްޓަކައި މިތަކެތި ފުލުހުންގެ ފޮރިންސިކް ސާވިސަސްއަށް ފޮނުވައިގެން އެނަލައިޒް ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ފުލުހުންގެ ފަރާތުން ޖުވެނައިލް ކޯޓަށް ހުށަހެޅުމުން، ކޯޓުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމުމުން ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ދައުލަތުން ހައިކޯޓުގައި ޖިނާއީ ދައުވާ ނުކުރެވުނަސް، އެފަދަ އަމުރެއް ނެރެވޭނެ ކަމަށް ބުނެ މިމައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ޙުކުމް ކުރީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކުދިންނާ މެދު އެފަދަ ފިޔަވަޅެއް އެޅުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
ހައިކޯޓުގެ ޙުކުމްގައި ބަޔާންކޮށްފައިވާ ގޮތުގައި މީހުންގެ ޒާތީ މުއާމަލާތްތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެ ހައްގު ހިފެހެއްޓޭ ގޮތަށް ކޯޓަކަށް އަމުރު ނެރެވޭނީ ގާނޫނަކުން ހުއްދަ ލިބިގެން އަދި ގާނޫނު ހުއްދަކުރާ މިންވަރަކަށް އެކަނި ކަމަށް ބުނެފައިވެއެވެ.
”ކިތަންމެ މާތް މަގްސަދެއްގައި ކަމުގައި ވިޔަސް، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެއްވެސް ފިޔަވަޅެއް އެޅޭނީ ގާނޫނު ދައްކާ މަގެއްގެ މަތީގައި، ގާނޫނީ އިންތަކުގެ ތެރެއިންނެވެ. އެ ނޫން ގޮތެއް ކޯޓަށް ވެސް ހޯދައި ނުދެވޭނެ އެވެ.“ ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހައިކޯޓުން މިފަދައިން ޙުކުމް ކުރައްވާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އެޙުކުމްގައި 15 އަހަރުނުވާ ކުއްޖަކާ ދެކޮޅަށް ކޯޓުން އެފަދަ އަމުރެއް ނެރުނަސް، އެ އަމުރަށް ކުއްޖާ ތަބާނުވެއްޖެ ނަމަ ގާނޫނީ ގޮތުން އިތުރަށް ކުރެވޭނެ ކަމެއް ބަޔާންކޮށް ބުނެފައި ވަނީ އެއީ އެފަދަ ކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެ ކަމަށް ގާނޫނުގައި އޮތުމުން، އަމުރަށް ތަބާނުވެގެން އެޅޭނެ ފިޔަވަޅެއް ވެސް ނޯންނާނެތީ ކަމަށެވެ.
މިފަދަ ހާލަތުގައި އެފަދަ ކުދިންނާ މެދު ކުރެވޭނެ ކަމަކީ ރިހެބިލިޓޭޓްކުރަން މަސައްކަތް ކުރުންކަން ފާހަގަކުރައްވާ މިމައްސަލައިގައި ޖުވެނައިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ހައިކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ހައި ކޯޓުން މިފަދައިން ޙުކުމް ކުރައްވާފައިވާއިރު، ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައި އިއުލާނުކޮށްފައެވެ.



