މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި 65 އަހަރުގެ މީހަކު އަނެއްކާވެސް މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. އިންނަމާދޫ، ފެމޯރާގެ، މުހައްމަދު ސަލީމް، 65، އެވެ.
ޑައިމޯފިން ޓްރެފިކިން މައްސަލައެއްގައި އުމުރަށް ޖަލަށްލާލާން ޙުކުމްކޮށްފައިވާ ސަލީމް މިފަހަރު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައެވެ.
އޭނާގެ ބަންދުގައި އަމުރުގައި އޭނާގެ ކުށުގެ އެއްވެސް ރެކޯޑެއް އޮތްކަން ފާހަގަކޮށްފައެއް ނުވެއެވެ.
ބަންދު އަމުރުގައި ސަލީމްގެ އަތުން ދެ ގްރާމްގެ މެތު އަދި އެއް ގްރާމްގެ ހެރޮއިން ފެނިފައިވާކަން ފާހަގަކުރައްވާ މައްސަލަ ބެއްލެވި ގާޟީ ވިދާޅުވީ އެއީ ގާނޫނީ ގޮތުން ބަލާއިރު އެއީ ގިނަ އަދަދެއް ކަމަށާއި މުހައްމަދު ސަލީމަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވުމެއް އޮތް މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ވިދާޅުވެ ގަޟީ ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި މުޙައްމަދު ސަލީމް އަކީ 2016 ވަނަ އަހަރު، ޑައިމޯފިން ޓްރެފިކިން މައްސަލައެއްގައި 100،000 ރުފިޔާގެ ޖޫރިމަނާއަކާއެކު އޭނާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ. އެ ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ހައިކޯޓުން އެ މައްސަލަ 2022 ވަނަ އަހަރު ނިންމީ އޭނާއާ ދެކޮޅަށެވެ.



