ސަރުކާރުގެ ހައުސިން ލޯން ސްކީމްތަކަށް މިހާރު މަސްވެރިންނަށް ހުށައެޅޭނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
މިކަމަށްޓަކައި އެ ވުޒާރާއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ހައުސިން ލޯން ސްކީމްގެ ހުރިހާ ދާއިރާއަކުންވެސް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
މި ފުރުސަތު ހުޅުވާލީ އިޤްތިޞާދީ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީވެސް މަސައްކަތުގެ ތެރޭގައި ޝާމިލްވާންޖެހޭ ބައެއްކަމަށް ފެންނާތީކަން ފާހަކުރައްވާ ވަޒީރު ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް ލޯނަށް ހުށައެޅޭނެކަމަށާއި، އަދި ކުރިއަށްއޮތް ތަނުގައި އެހެން ދާއިރާތަކަށްވެސް މި ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ ހައުސިން ލޯނު ސްކީމްއަށް އެހެން ދާއިރާތައްވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަކިން ޚާއްސަކޮށް ދަފްތަރުވެފައި ތިބޭ ފަރާތްތައް ބައިވެރިކުރުމަކީ އަޅުގަނޑުމެން ރާވާފައި އޮތް ކަމެއް. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ދަނޑުވެރިކަމުގެ ދާއިރާގެ ފަރާތްތައްވެސް ބައިވެރިކުރުވުމަށް އަޅުގަނޑުމެން އޮތީ ކަނޑައަޅާފައި.“ ވަޒީރު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުން މަހުރޫމް ނުވާނެ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެގޮތައް މަސައްކަތް ކުރަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ދަފްތަރު އިފްތިތާހުކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސްވެރިންގެ ދަފްތަރުން މިކަހަލަ ހުރިހައި ކަމަކަށް ހައްލު ގެނެސްދޭނެ ކަމަށެވެ.
”މުޅި ބަޖެޓްވެސް އެއޮތީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި. އެހެންކަމުން މަސްވެރިން މިފަދަ ޚާއްސަ އަހަރަކުން މަހުރޫމް ވާނަމަ އެއީ ޔަޤީނުންވެސް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ދެވޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް. މަސްވެރިންގެ ޤާނޫނުގައި އެބައޮވޭ މަސްވެރިންގެ ޤާނޫނެއް އޮންނަންޖެހޭނެކަމަށް. އަދި ހަމަ އެއާއިއެކު 10 ވަނަ މާއްދާގައި އެބައޮވޭ މަސްވެރިންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެކަމަށް. ގެދޮރުވެރިކަމަކީ އިޖްތިމާއީ ވަރަށް ބޮޑު ހައްގެއް. އަދި މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖްތިމާއީ މައްސަލަވެސްމެ“. ވަޒީރު ޝިޔާމް ވިދާޅުވިއެވެ.




