ސްކޫލުތަކަށް ބޭނުންވާ ޒަރޫރީ ކަންކަން ހުރިއިރުވެސް ކުރީ ސަރުކާރުން އެކަންކަމަށް އަޅާނުލާ އިހުމާލުވެފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ”ހަފްތާ52″ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ކުރީ ސަރުކާރުން ސްކޫލުތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ 5 އަހަރު ސްކޫލުތަކަށް ބޭނުންވާ ޒަރޫރީ ކަންކަމާއި، އާބާތުރަފިލުވުމަށް އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާ ކަމަށާއި އެކަމުގެ ކަންބޮޑުވުން އެކި ސްކޫލުތަކުގެ ޕްރިންސިޕަލުން ހިއްސާ ކުރެއްވިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިދިޔަ ފަސް އަހަރު ސްކޫލުތަކުގައި ކުލަލުމަށް ވެސް ފައިސާ ނުލިބުނު ކަމަށް ޕްރިންސިޕަލުން ބުނެފައިވާ ކަމަށެވެ.
މީގެއިތުރުންވެސް އެތައް ސަތޭކަ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ކުރީ ސަރުކާރުން ފެއްޓީ ސްކޫލުތަކަށް ބޭނުންވާ ޒަރޫރީ އެތައް ކަމެއް ހުއްޓާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
”އެ ޕްރޮޖެކްޓްތައް ފެށިއިރު ގިނަ ސްކޫލުތަކުގައި ހުރީ ފާޚާނާ ހަލާކުވެފައި، ލައިބްރަރީއެއް ނެތް، ކޮމްޕިއުޓަރު ލެބެއް ނެތް، ސައިންސް ލެބެއް ނެތް، އެހެންނަމަވެސް ތައުލީމު ފޯރުކޮށްދިނުމުގައި ޒަރޫރީ ފެސިލިޓީތަކާއި ދަރިވަރުންނަށް މުހިންމުވާ ފެސިލިޓީތައް މަރާމާތު ކުރުމެއް ނެތި މަލްޓިޕާފަސް ހޯލްތައް އެޅުމަށް މިދިޔަ ސަރުކާރުން ޕްރޮޖެކްޓްތައް ހިންގީ“ ވަޒީރު ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އެމަނިކުފާނު މަގާމާއި ހަވާލުވިއިރު، ކުރީ ސަރުކާރުން އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 280 މިލިޔަން ރުފިޔާގެ ފައިސާ ނުދައްކާ ހުރި ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން މިހާރު 250 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.




