ކެފޭ ޑި މާލެއަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތުކުރެވޭ 3 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ތައްޔާރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިމައްސަލައާއި ގުޅޭ ތަފްސީލު ހިއްސާ ކުރައްވާ ވިދާޅުވީ މިކަމުގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށާއި އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ވަރަށް އަވަހަށް ފޮނުވާފައިވާ ކަމަށެވެ.
ހުސްވި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކެފޭ ޑި މާލެއަށް ހަމަލާދިން މީހުން ތިބީ ހެލްމެޓް އަޅާ، ސަރޖިކަލް މާސްކް އަޅައިގެން އަދި އެމީހުން ލައިގެން ތިބި އަންނައުނުގެ މަތިން އިތުރު އަންނައުނު ލައިގެންކަން ހާމަކުރައްވާ ފުލުހުން ވިދާޅުވީ އެމީހުން ކެފޭއަށް ވަދެ ގެއްލުން ދީފައިވަނީ މަރުތޭލަކުން ކަމަށެވެ.
އެކެފޭގައި ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދިޔަ ވަގުތެއްގައި ކެފޭއަށް ވަދެ ދެމީހަކަށް ގެއްލުން ދީފައިވާ ކަމަށާއި، ކެފޭގައި ފައިސާގެ ކަންކަން ބަލަހައްޓާ ކައުންޓަރާ ޕީއޯއެސް މެޝިން އަދި ކެފޭގައި ބޭނުންކުރާ ގިނަ ސާމާނަށް ބޭނުން ނުކުރެވޭވަރަށް ބޮޑެތި ގެއްލުންދީފައިކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ކެފޭއަށް ގެއްލުން ދިނުމަށްފަހު އެމީހުން އަޅައިގެން ހުރި ހެލްމެޓާއި އެމީހުން ލައިގެން ތިބި އަންނައުނު މާލޭގެ ފަޅު ގެއަކަށް އުވާލައިފައި ވަނިކޮށް ފުލުހުން ވަނީ އެ ތަކެތިވެސް ހޯދާފައެވެ.
މިއަމަލު ހިންގުމުގައި އެމީހުންނަށް އެހީތެރިވުމުގެ ގޮތުން، ހަމަލާ ދިނުމުގެ 10 މިނެޓު ކުރިން ކެފޭތެރެ ވީޑިއޯ ކުރުމުގައި މީހަކު ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހިމެނޭ 3 މީހުންވެސް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި، މީގެތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއި 18 އަހަރުގެ މީހެއް އަދި 21 އަހަރުގެ މީހެއް ހިމެނޭ ކަމަށާއި، ކެފޭއަށް ގެއްލުންދިނީ ގޭންގަކުން ބަދަލުހިފުމުގެ ރޫހުގައިކަމަށެވެ.



