ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ 48 ތަނެއް ފުލުހުން ބަންދުކޮށްފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވާ ވިދާޅުވީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް މިފަދަ 48 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން މަސްތުވާތަކެތީގެ މުއާމަލާތްތައް މާލޭގައި އާންމުކޮށް ހިންގާ ކަމަށް ބެލެވޭ ތަންތަނުގައި ފުލުހުން ފޯރިމަރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން، މަސްތުވާކެއްޗާއި ގުޅޭ އެކިއެކި މައްސަލަތަކުގައި މިހާތަނަށް 1009 މީހަކު ހައްޔަރު ކޮށްފައިވާ ކޮށްފައިވާކަން ފާހަގަކުރައްވާ ފުލުހުން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އޮޕަރޭޝަންތަކުގައި 183 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މި ތަކެތީގެ މަގުމަތީ އަގު 385 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ބަނގުރަލުގެ ވަގު ވިޔަފާރި ހުއްޓުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ބާއްވާ އިންސްޕެކްޝަންތަކުގައި މިހާތަނަށް 57 ސަފާރީއެއް ބަލާ ފާސްކޮށްފައި 8،000 އަށް ވުރެ ގިނަ ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.




