ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 5،000 އެއްހާ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ ”ހަފުތާ 52“ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ކުދި ވިޔަފާރިކުރާ ފަރާތްތަކަށް އުދަގޫކުރުމާ އަދި އެކި ކުށްތަކަށް އަރައި ގަންނަ ބިދޭސީންނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް 5،000 އެއްހާ ބިދޭސީން މިހާރު ރާއްޖެއިން ޑީޕޯޓުކޮށްފައިވާ ކަމަށެވެ.
”ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން އަޅުގަނޑުމެން ވާނީ ހިފައި ހައްޔަރުކޮށް، ސާޅީސް އަށްގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބޭރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައި،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގައި ކަމަށާއި މިމަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ އިމިގްރޭޝަނުން ކަމަށެވެ.




