ބައިނަލްއަގުވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ މެޑިކަލް ސާވިސަސް އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ”އަކުއާ ފިޓްނެސް ފެސްޓް“ ނަމުގައި އެކްޓިވް ބީޗް ހަރަކާތްތަކެއް މިއަދު ހުޅުމާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓުގައި ހުޅުމާލޭގައި މަސައްކަތް ކުރާ ކޯޕަރޭޓް އޮފިސްތަކުގެ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ފެސްޓްގެ މައިގަނޑު މަގްސަދަކީ އެކްޓިވް ލައިފްސްޓައިލް ޕްރޮމޯޓްކޮށް މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމެވެ. އެގޮތުން އެކި ޓީމްތަކަކަށް ބަހާލައިގެން މި ފެސްޓްގައި ބޭއްވުނު އެކްޓިވް ހަރަކާތްތައް ރާވާ ހިންގާފައިވަނީ އެމް.އެން.ޑީ.އެފް ގެ ބެލުމުގެ ދަށުން ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.

މި ފެސްޓްގައި އެސްޓީއޯއިން ވަނީ ”ޔޫސަރ ފްރެންޑްލީ“ އަދި ކޮލިޓީ ރަނގަޅު ހަކުރު މޮނިޓަރ ކުރާ ޑިވައިސްއެއް ވެސް ތައާރަފްކޮށްފައެވެ. މި ޑިވައިސް އަކީ ގޭގައި ވެސް ބޭނުންކުރަން ފަސޭހަ، ސްމާޓް ޑިވައިސްއެއް ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

އެގޮތުން މި ޑިވައިސް ސްމާޓް ފޯނާއި ގުޅާލުމަށްފަހު ހަކުރު މޮނިޓަރ ކުރުމުން އޮޓޯ އިން ހަކުރު ހުރިވަރު ފޯނުގައި ރައްކާކުރެވޭނެއެވެ. މިގޮތަށް ސްޓޯ ކުރެވޭ މައުލޫމަތުތަކަކީ އަމިއްލައަށް އަދި ޑޮކްޓަރީ ފަރުވާ ހޯދާއިރު ހަކުރު މެނޭޖްކޮށް މޮނިޓަރ ކުރުމަށް ވަރަށް މުހިއްމު މައުލޫމާތުތަކެކެވެ.
އެސްޓީއޯ އިން އަލަށް ތައާރަފް ކުރި މި ބްލަޑް ގްލޫކޯޒް މޮނިޓަރިން ޑިވައިސް އަކީ ކޮރެޔާގެ ބްރޭންޑެއް ކަމުގައިވާ އެސްޑީ ބަޔޯސެންސަރ ބްރޭންޑްގެ ޑިވައިސްއެކެވެ.
މީގެއިތުރުން އެސްޓީއޯ އާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ބައިނަލް އަގުވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ޕްރޮގްރާމްގެ ދަށުން 14 ނޮވެމްބަރ 2024 ގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގެ މުވައްޒަފުނަށްވެސް ހެލްތު ސްކްރީނިންގ ސެޝަންއެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ސެޝަަންގައި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދެވިފައިވާ ހިދުމަތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ، ބީއެމްއައި، އަދި ހަކުރު ޗެކްކުރުމަށްފަހު ހެލްތް ގައިޑެންސް ދިނުން ހިމެނެއެވެ. މީގެ ތެރޭގައި ހަކުރު މެނޭޖް ކުރުމަށް ގެނެވިދާނެ ލައިފްސްޓައިލް ޗޭންޖެސް، ޑައިޓް ޕެލޭންސް، އެކްސަސައިޒް އަދި އިތުރު ބޭނުންތެރި މައުލޫމާތު ވަނީ ހިއްސާ ކުރެވިފައެވެ.
އެސްޓީއޯގެ ފަރާތުން މިހެލްތު ސްކްރީނިން ސެޝަން އާންމުނަށް ހުޅުވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. އާންމުނަށް މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރ 2024 ވާ ހޮނިހިރު ދުވަހު މެންދުރު 13:30 އިން 15:30 އަށް ހުޅުމާލެ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީ ކުރިމަތީގައެވެ.
މީގެ އިތުރުން ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަކުރުބަލި ހުންނަ ފަރާތްތަކަަށް ހާއްސަ ސެޝަންއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މި ސެޝަންގައި އެފަދަ ފަރާތްތަކަށް ބޭނުންވާ މުހިންމު ސިއްހީ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.




