ޓީޝާޓާއި ޖިންސުފަދަ ތަކެތި ލައިގެން އިމާމުވެ ނަމާދުނުކުރެވޭ ގޮތަށް އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަލަހައްޓަންވީ ގޮތުގެ އުސޫލުގައި ކަނޑައަޅައިފިއެވެ.
އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަލަހައްޓަންވީ ގޮތުގެ އުސޫލުގައި އިމާމުންނާއި މުދިމުންގެ ހެދުން ބަލަހައްޓަންވީ ގޮތާއި ފަރުވާތެރިވާންވީ ކަންކަން ވެސް ހިމަނާފައިވާއިރު، ރަސްމީ ގަޑީގައި ހެދުން އަޅަންވާނީ އިސްލާމީ މުޖުތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ފަދަ ގޮތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެގޮތުން، ޖިންސާއި ޓީޝާޓު ލައިގެން ނަމާދު ނުކުރުމަށާއި ގަޔަށް ބާރު ހެދުން ލައިގެން އިމާމުވެ ނަމާދު ނުކުރުމުގެ އިތުރުން، ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށް ފަރުވާތެރިވުމަށް ވެސް މި އުސޫލުގައި ބުނެފައިވެއެވެ.
މީގެއިތުރުން، އިމާމުންނާއި މުދިމުންނަކީ ސާފުތާހިރުވެގެން ތިބޭ ބަޔަކަށްވުމާއި މިސްކިތަށް އަންނަ ފަރާތްތަކާއި މުޖުތަމައުގެ އާންމު ފަރުދުންނާއި މުއާމަލާތްކުރުމުގައި އިޖުތިމާއީ ހަމަތަކުގެ މަތިން ރީތި ބަހުން ވާހަކަ ދެއްކުމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.
އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި މީހުންނަށް ނަމޫނާ ބަޔަކަށް ވުމުގެ އިތުރުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ވެސް އިމާމުންގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭފަދަ ކަންކަމުން ދުރުހެލިވުމަށް ވެސް ވަނީ ބަޔާންކޮށްފައިވެއެވެ.
މިއުސޫލުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށާއި، އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އަދި ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑު ހިފެހެއްޓުމަށް އަންގައިފައިވާއިރު، އުސޫލާއި ޚިލާފުވެއްޖެނަމަ އެކަމެއްގެ ކުޑަ ބޮޑު މިނަކަށް ބެލުމަށް ފަހު، ސިވިލް ސާވިސް ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ވެސް އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.



