ރިސޯޓުތަކުން ކުނި މެނޭޖު ކުރުމަށް ވެމްކޯ އިން ތަޢާރަފުކުރި ”ފަތުރުވެށި“ ރިސޯޓު ވޭސްޓު ކަލެކްޝަން ހިދުމަތާ އިތުރު ރިސޯޓުތަކުން ގުޅި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ވެމްކޯ އިން އެންމެ ފުރަތަމަ މި ހިދުމަތް ތައާރަފު ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުގައެވެ. އެއީ ޒޯން 2 ގައި ހިމެނޭ ނ.، ރ.، ބ. އަދި ޅ. އަތޮޅުގެ ތިން ރިސޯޓަކާއެކުގައެވެ. އެގޮތުން ފުރަތަމަ މި ހިދުމަތް ދޭން ފަށާފައިވަނީ ކޮރާކޮރާ ރިސޯޓާއި، އަލިލާކޮޓެއިފަރު އަދި ނޮކް މޯލްޑިވްސް އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ރިސޯޓުތަކަށް ވެމްކޯގެ ފަރާތުން ވަނީ ސަސްޓެއިނަބްލް ރިކޮގްނިޝަން ސެޓްފިކެޓެއް ވެސް ދީފައެވެ.

މިއަދު ވެމްކޯގެ ފަރާތުން މި ހިދުމަތް ތަޢާރަފުކޮށްފައިވަނީ ޒޯން 3 ގައި ހިމެނޭ އއ.، އދ.، ކ. އަދި ވ. އަތޮޅުގެ ރިސޯޓުތަކަށެވެ.
އެގޮތުން ”ފަތުރުވެށި“ ހިދުމަތް ވެމްކޯގެ ފަރާތުން ދިނުމަށް މިއަދު ސޮއިކުރެވުނު ރިސޯޓުތަކަކީ މަލާހިނި ކުޑަބަނޑޮސް މޯލްޑިވްސް، ޖުމައިރާ އޮޅަހަލި މޯލްޑިވްސް، އަދި މޫވްއެންޕިކް ކުރެދިވަރު މޯލްޑިވްސް އެވެ. މީގެ އިތުރުން އިތުރު ދެ ރިސޯޓެއްގައި މި ހިދުމަތް ތަޢާރަފް ކުރުމަށް ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އެ ރިސޯޓުތަކުގައެވެ.
މިއަދު ސޮއިކުރެވުނު ރިސޯޓުތަކާއެކު ޖުމްލަ އަށް ރިސޯޓަކަށް މިހާރު ވަނީ ވެމްކޯގެ ފަރާތުން މި ހިދުމަތް ފުޅާ ކުރެވިފައެވެ.
ވެމްކޯއިން ބުނި ގޮތުގައި މި ހިދުމަތަށް ޝައުޤުވެރިކަން ހުރި އިތުރު ރިސޯޓުތަކާއެކު ދަނީ އެކަމުގެ މަޝްވަރާތައް ވެސް ކުރެވެމުންނެވެ.
މި ހިދުމަތާ ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވީ މިއީ ރިސޯޓުތަކަށް ގޮސް އެ ރިސޯޓުތަކުން ކުނި ނަގައި ދިނުމުގެ ހިދުމަތް ކަމަށާއި މީގެކުރިން ރިސޯޓުތަކުން ކުނި އުކާލާފައިވަނީ އެ ރިސޯޓުތަކުން ބަޔަކާ ގުޅައިގެން، ދޯނީގައި އެމީހުން ތިލަފުއްޓަށް އެ ކުނިތައް އުކާލައިގެން ކަމަށެވެ.
”ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް އާންމުންގެ ތެރޭގައިވެސް ރިސޯޓުތަކުން ބަރުކޮށްގެން އަންނަ ކުނި ތިލަފުއްޓާ ހަމައަށް އެއްކޮށް ނާންނަކަމަށް. ކޮންމެވެސް އެހެން ދިމާލަކަށް އޭތި ޑަމްޕުވެގެން އެބަދޭ. އެހެންވީމަ ތިމާވެށީގެ ސައިޑުން ބަލާއިރުވެސް ވަރަށް ބޮޑު އިމްޕެކްޓެއް އަންނަ ކަމެއް އެއީ ކުނި އަންނަންވާ ތަނަށް ނައިސް އެހެން ތަންތަނަށް ދިޔުން. ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކަށް ވެސް އެބަހުރޭ ލައްގާފަ ރިސޯޓުތަކުން އައިސްފައި ހުރި ކުނި ކަމަށް ބެލެވޭ ކުނި“ ވެމްކޯގެ އެމްޑީ ވިދާޅުވިއެވެ.
އެމްޑީ މުޖުތަމާ އިތުރަށް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރިސޯޓުތަކުން އަންނަ ކުނި ވެމްކޯގެ ފެސިލިޓީތަކަށް އަންނާނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށެވެ.




