މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބައްދަލުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފިއެވެ.
އެމްޖޭއޭއިން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ބިލާ މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައީސް މުއިއްޒާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްއާ ބައްދަލުކުރުމަށް ރަސްމީކޮށް ސިޓީއަކުން އެދިފައިވާ ކަމަށެވެ.
އެގޮތުން އެމްޖޭއޭއިން އެދިފައިވާ ފަދައިން މިބައްދަލުވުންތައް އިންތިޒާމްކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް އެމްޖޭއޭއިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
އަމިއްލަ މެމްބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅި ބިލުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލައި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ ނަމުގައި އާ ކޮމިޝަނެއް އުފައްދުމަށް ހުށަހަޅާފައިވާއިރު، މިކޮމިޝަނަށް މެންބަރުން ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ކޮމިޝަނަށް މީޑިއާތަކުން އައްޔަން ކުރާ ތިން މީހުން އައްޔަން ކުރުމަށް ވޯޓު ދެވޭނީ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ކަމަށް ވެސް ހިމަނާފައިވެއެވެ.
މިބިލުގައި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބިގެންވާނޭ ކަމަށް ބުނެފައިވެއެވެ.




