މިސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގައި ގެންގުޅޭ ސިޔާސަތަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޭސްފަރުވާގެ ޚިދުމަތް އެންމެ އެދެވޭ ގޮތުގައި ލިބޭކަން ކަށަވަރުކުރުންކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އައު ޚިދުމަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކޮންމެ އަހަރެއްގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައި އޮންނަ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަންޖެހުމަކީ އިޤްތިޞާދަށް އެކަމުގެ ބުރަ ބޮޑުވާ ކަމެއްކަމަށެވެ.
އާސަންދަ ނިޒާމް ބޭނުންކުރަމުން އަންނަތާ 15 ވަރަކަށް އަހަރުވިނަމަވެސް އެއްވެސް އަހަރަކު އާސަންދައަށް ކަނޑައަޅާފައިވާ ޢަދަދުން ޚަރަދުތައް ހަމަނުޖެއްސޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައްޔިތުން އެދެނީ ސިއްޙީ ނިޒާމުގެ ތެރެއިން އާސަންދަފަދަ މުހިންމު ޚިދުމަތްތައް އެންމެ ފައިދާ ހުރި ގޮތުގައި އޭގެ ޙައްޤުވެރި ފަރާތްތަކަށް ލިބޭނެ ނިޒާމަކަށްވެގެން ދިޔުންކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އާސަންދައިން %60 ޚަރަދުކޮށްފައިވަނީ ހަމައެކަނި ބޭސް ވިއްކުމަށްކަން ހާމަކުރައްވާ ވަޒީރު ވަނީ ބޭހުގެ އަގުތައް ދުނިޔޭގެ ނިސްބަތުން އަޅާބަލާއިރު ރާއްޖޭގައި ބޮޑުކަމަށާއި މިކަން މިހެންވެފައިއޮތީ އާސަންދަ ނިޒާމުގައި ބަލަންޖެހޭ ކަންކަން ނުބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމުގެ ސަބަބުންކަން ފާހަގަކުރެއްވާފައެވެ.
”ބޭހަކީ ހަމައެކަނި ފަރުވާއެއް ނޫން. ބޭހަކީ މުޅި މި ނިޒާމްގެ މަދު ބައެއް. ބޭހާ ހަމައަށް އައުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާއި ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވެނީ އެންމެ ރަނގަޅު ގޮތުގައިތޯ މި ސުވާލު ތަކުރާރުކޮށް ކުރަންޖެހޭ. ބޭހުގެ އަގުތައް ހުރީ ދުނިޔޭގެ ނިސްބަތުންވެސް ބޮޑު އަގުތަކެއްގައި. މިކަން މިހެން ވެފައި މިއޮތޯ މި ނިޒާމްއިން ބަލަންޖެހޭ ކަންކަން ނުބެލެވުމުގެ ސަބަބުން. އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތަކުގައި އެޅިފައި ނެތުމުގެ ސަބަބުން.“ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ނާޒިމް ވިދާޅުވީ މި ސަރުކާރުން ޤަބޫލުކުރާ ސިއްޙީ ނިޒާމުގެ ސިޔާސަތަކީ ރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި އެންމެ ނިކަމެތި މީހާއަށް ބޭސްފަރުވާގެ ނިޒާމް އެންމެ އެދެވޭ ގޮތުގައި ލިބުންކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދާއެކު ސިއްޙީ ދާއިރާގެ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ބަލިވެގެން ޑޮކްޓަރަށް ދެއްކުމުގެ ކުރިން ދުޅަހެޔޮ އާބާދީއެއް ބިނާކުރުން މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޕަބްލިކް ހެލްތް ޕްރިވެންޝަންގެ ޕްރޮގްރާމެއް މިހާރު 7 އަތޮޅުގައި ފަށާފައިވާކަމަށާއި އަންނަ އަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރެވިގެންދާނެ ކަމަށެވެ.



