ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ’ކޮންގްރެސް ޕާޓީގެ މެންބަރޝިޕް ޑްރައިވް‘ ތެރެއިން، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަމިއްލަފުޅަށް 3،200 މެންބަރުން ޕާޓީއަށް ހޯއްދަވައިދެއްވައިފިއެވެ.
ޕީއެންސީން ދަނީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ކޮންމެ ހަފްތާ ބަންދެއްގައި މާލެ ސަރަހައްދުގައާއި އަތޮޅުތެރޭގައި ފޯމު ފުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
މިހަރަކާތްތަކުގައި، އެޕާޓީގެ ޕާލިމެންޓަރީ މެންބަރުންގެ އިތުރުން، ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ސަރުކާރަށް އެއް އަހަރު ފުރޭއިރު ޕާޓީއަށް 75،000 މެމްބަރުން ހަމަކުރުމަށް ޕީއެންސީގެ ރައީސް، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުން ހާސިލްކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެކެވެ.
މިކަމާއި ގުޅޭގޮތުން، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވާ ގޮތުގައި މިއަދު ސަރުކާރަށް އަހަރެއް ފުރުނު އިރު ޕާޓީގެ އަމާޒަށް ވާސިލުވެ، މިހާތަނަށް 82000 މެންބަރުން ވަނީ ހަމަކުރެވިފައެވެ.
އެގޮތުން، މިއަދު ސަރުކާރަށް އެއް އަހަރު ފުރިފައިވާއިރު، ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވަނީ އެމަނިކުފާނު އަމިއްލަފުޅަށް ފުރުއްވާ 3,200 ފޯމު ޕާޓީ އާއި ހަވާލުކޮށްދެއްވާފައެވެ.
މެންބަރު ފަލާހުއާއި މިފޯމުތައް ހަވާލުކޮށްފައިވާއިރު، އަރިހުގައި ޕީއެންސީގެ މަޖިލިސް ބައެއް މެންބަރުން ވެސް ތިއްބެވިއެވެ.



