ތ. ގުރައިދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
މިމަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޝްރޫއު ހަވާލުވުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ޑ.ސީ.ޕީ (ރިޓަޔަރޑް) އަޙުމަދު ސައުދީ ސޮއިކުރައްވާފައިވާއިރު، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރަކްޗާރ އަލްފާޟިލް އިބްރާޙިމް ތޮއާމް މުޙައްމަދެވެ.
ތ. އަތޮޅު ގުރައިދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަކީ އެރަށު ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެއްކަން ފާހަގަކުރައްވާ އެމްޓީސީއިން ބުނެފައިވަނީ މިއަދު ހަވާލުކުރެވުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމަށްފަހު މުސްތަޤުބަލުގައި ތ. ގުރައިދޫގައި އެއާޕޯޓެއްގައި ގާއިމުވެގެން ދިޔުމަކީ މުޅި ތ. އަތޮޅަށް އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މިއެއާޕޯޓު ތަރައްޓީ ކުރެވުމުން މިސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ތައްޤީވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކޮށް އެމްޓީސީސީއިން ބުނީ މިމަޝްރޫޢުގެ ދަށުން 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމަކާއި 979 ސަރަހައްދެއްގައި ރެވެޓްމެންޓެ ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރެވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މީގެއިތުރުން، މިމަޝްރޫއަކީ 106.02 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.
އެމްޓީސީސީއިން ވަނީ ވޭތުވެދިޔަ 43 އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދެއްނީސުރެއް މިއަދާއި ހަމައަށް އެމްޓީސީސީއިން ދަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.



