ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށާއި ތަރައްޤީ ކުރުމަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.
މި ސަރުކާރަށް މިއަދު އެއް އަހަރުވީއިރު، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ފެނަކައިން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުވާލައި ފެނަކައިން ބުނެފައިވަނީ ފާއިތުވި އަހަރެއްގެ ތެރޭގައި ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށާއި ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެ ކުންފުނިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 56 ރަށަކަށް ޖުމްލަ 61 ޖެންސެޓް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފޯރުކޮށްދީފައިވާކަން ހާމަކޮށް ފެނަކައިން ބުނީ މިއީ މެގަވޯޓުން ބަލާނަމަ ޖުމްލަ 36.7 މެގަވޯޓުގެ ކުރިއެރުމެއް ކަމަށެވެ.
އައު ޖެންސެޓްތައް ހޯދުމުގެ އިތުރަށް، މިހާރު ބޭނުން ކުރަމުންދާ ގިނަ ޖެންސެޓްތަކެއް އޯވަރހޯލް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އޭގެ ތެރޭގައި އައު ޓްރާންސްފޯމަރުތައް އިންސްޓޯލްކުރުމާއި، މިހާރު ހުރި ޓްރާންސްފޯމަރުތައް އަޕްގްރޭޑް ކުރުން ހިމެނެއެވެ.
މީގެއިތުރުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކުރެވެމުންދާ ހައުސިން ޔުނިޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތްކޮށް، ބ.ތުޅާދޫ، ހދ.ނޮޅިވަރަންފަރާއި ތ.ތިމަރަފުށީގައި އަލަށް ޤާއިމްކޮށްފައިވާ 360 ހައުސިން ޔުނިޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އާބާދީ ބޮޑު ތިން ސިޓީކަމުގައިވާ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގައި ސެންޓްރަލް ޕަވަރ ސްޓޭޝަންތަކެއް ޤާއިމްކުރުމަށް އެމްއޯޔޫތަކުގައި އެކުންފުނިން ވަނީ ސޮއިކޮށް މަސައްކަތް ފަށާފައެވެ.
މީގެތެރޭގައި އައްޑޫ ސިޓީގައި 32 މެގަވޯޓު އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީގައި 20 މެގަވޯޓު ކެޕޭސިޓީގެ ޕަވަރ ޕްލާންޓެއް ގާއިމުކުރުމުގެ އިތުރުން، ލ.ގަމުގައިވެސް 20 މެގަވޯޓު ކެޕެސިޓީގެ ޕަވަރ ޕްލާންޓެއް ޤާއިމްކުރުމަށް އެމްއޯޔުއެއްގައި ސޮއިކޮށްފައިވާ ކަން ފާހަގަކޮށް ފެނަކައިން ބުނީ އޭގެތެރެއިން އައްޑޫ ސިޓީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސީޕީއެސް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
ހަމައެއާއިއެކު ފެނަކައިން ދެމުން ގެންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ރަށްރަށުގައި ކުރިއަށްދާ ޕްރޮޖެޓްތަކުގެ ތެރެއިން އައު ތިން އޮފީސް އިމާރާތަކާއި ތިން ރަށެއްގައި ކުރިއަށް ދިޔަ ޑެގްރޫމް އެކްޓެންޝަން ޕްރޮޖެކްޓެއް ނިންމާލާފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.




