ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ އަށް އޭޝިއާ ސަރަހައްދުގެ ކުންފުނިތަކުގެ ވެރިންނަށްދޭ ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.
އެގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 އެވެ.
ސްޓެލްކޯގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު މިހާރު އެ ކުންފުނީގެ އެމްޑީކަމުގެ މަގާމުގައި ހުންނެވި ފަހުމީއަށް ލިބިފައިވާ މި އެވޯޑަކީ ރާއްޖޭގެ ކުންފުންޏެއްގެ އެއްވެސް ވެރިއަކަށް މީގެކުރިން ލިބިފައިވާ އެވޯޑެއް ނޫނެވެ.
އިންޑަސްޓްރީތަކުގެ ޗެމްޕިއަނުންނަށްދޭ މި ޝަރަފުވެރި އެވޯޑު ދިނުމުގައި، އެކުންފުންޏަކުން ދޭ ހިޚިދުމަތްތައް ކުރިއަރަމުން އަންނަ ފެންވަރަށާއި، ދެމެހެއްޓެނެވި ގޮތުގައި ހިދުމަތް ފޯރުކޮށްދޭން ކުރާ މަސައްކަތްތަކަށާއި، ކުންފުނީގެ ހިންގުން ހަރުދަނާކުރަން ކުރާ މަސައްކަތްތަކަތުގެ އިތުރުން ނެރޭ ނަތީޖާތަކަށް ބަލަ އެވެ.
އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 ސްޓެލްކޯގެ އެމްޑީ ފަހުމީއަށް ލިބިފައިވާއިރު އެ ކުންފުންޏަށް ވަނީ އިންޑަސްޓްރީ ޗެމްޕިއަން 2024 ގެ އެވޯޑު ލިބިފައެވެ. ސްޓެލްކޯއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެކިކަންކޮޅުތަކަށް ކަރަންޓާއި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ހިދުމަތް ފޯރުކޮށްދެމުންގެންދާ ކުންފުންޏެކެވެ.
ފާއިތުވީ އަހަރުތަކުގެ ތެރޭގައި ސްޓެލްކޯއިން ވަނީ ކުރީގެ ޕަވަރ ސަޕްލަޔަރަކުން މަލްޓިފެސެޓެޑް އެނަރޖީ ލީޑަރަކަށް އެ ކުންފުނީގެ ހިދުމަތްތަށް ބަދަލުކޮށްފައެވެ. އެގޮތުން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ ގޮތްތަށް ހޯދުމާއި ތިމާވެއްޓާ ރަށްޓެހި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ވަނީ މިއަހަރު ޚާއްސަ ސަމާލުކަމެއް ދީފައެވެ.



