އިންޑޮނޭޝިއާގެ ޖަކާޓާގައި ބޭއްވި ލެކުއިޒިން މުބާރާތުގެ ފަނޑިޔާރުކަން ރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ކޮށްފިއެވެ. މި މުބާރާތަކީ މިމަހުގެ 12 އިން 16 އަށް ކުރިއަށްދިޔަ މުބާރާތެކެވެ.
މަހާ މި މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ”ދަ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް“ ގެ ފަރާތުންނެވެ. އޭނާވަނީ އޭނާގެ ހުނަރު ދެކުނު އޭޝިއާގައި މިހާތަނަށް ބެއްވި އެންމެ ބޮޑު ފުޑް އެންޑް ބެވެރޭޖަސް މުބާރާތްތަކުގައި ދައްކައިލާފައެވެ. މި މުބާރާތުގައި އޭޝިއާގެ އެކިކަންކޮޅުތަކުގެ 989 ފަރާތެއް ބައިވެރިވެ، އެމީހުންގެ ހުނަރާއި ގާބިލިއްޔަތުކަން ހުށަހަޅައިދީފައިވެއެވެ.
މި މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ރާއްޖެ ހިމެނޭހެން 44 ޤައުމަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ތައިލެންޑް، ސިންގަޕޫރު، ވިއެޓްނާމް، ޗައިނާ، ފިލިޕިންސް އަދި ނޯވޭގެ ފަނޑިޔާރުން ވެސް ހިމެނެއެވެ.
މިފަދަ މުބާރާތެއް ފަނޑިޔާރުކުރުމުގެ ފުރުސަތު ރައްޖޭގެ ފަރާތުން ލިބިފައިވާ މަހާއަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީގެ ސަނަދު ލިބިފައިވާ ކޮންޓިނެންޓަލް ފަނޑިޔާރެކެވެ. މީގެއިތުރުން އޭނާއަކީ ވޯލްޑްސް މާސްޓަރ ޝެފްސް ސޮސައިޓީންދޭ ”މާސްޓަރ ޝެފް“ ކަމުގެ މަގާމު ރާއްޖެއަށް އެންމެ ފުރަތަމަ ހޯދައިދީފައިވާ ފަރާތްވެސް މެއެވެ.

ބައިނަލްއަގުވާމީ މިފަދަ ބޮޑު މުބާރާތެއްގެ ފަނޑިޔާރަކަށްވުމުގެ އިތުރުން މަހާ އަކީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޯޑު މެންބަރެއްވެސް މެއެވެ.
ލަ ކުއިޒިން މުބާރާތުގެ ފަނޑިޔާރެއްގެ ގޮތުގައި މަހާ ހަރަކާތްތެރިވުމަކީ އޭނާގެ އަމިއްލަ ކެރިއަރަށް އިތުރު ކުރިއެރުންތަކެއް ލިއްބައިދޭ ކަމަކަށްވުމުގެ އިތުރުން މިއީ ރާއްޖޭގެ ކަލިނަރީ އާޓްސްއަށް ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި އަގުހުރި ނަމެއް ވެސް ލިބިގެންދާނެ ކަމެކެވެ.
މީގެ ކުރިން މަހާ ވަނީ ތައިލޭންޑް ގެ ބެންކޮކްގައި ކުރިޔަށްދާ ”ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް 2024“ ގައި ވެސް ފަނޑިޔާރުކަން ކޮށްދީފައެވެ.
އެގޮތުން މިއަހަރުގެ އޮގަސްޓް 28 އިން 31 ގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރަތުގައި ބައިނަލްއަޤުވާމީ ގިނަ ޝެފުންތަކެއް ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވެއެވެ. އެމުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން، ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ، މޮންގޯލިއާ، ކެމްބޯޑިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ އަދި ގްރީސް ހިމެނެއެވެ.


