ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގި ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކުރި ޖަމިއްޔާތައް އިއުލާނު ކޮށްފިއެވެ. މި ޕްރޮޖެކްޓަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އާދަތައް ކުރިއެރުވުމަށް އަމާޒުކޮށްގެން އެ ބޭންކުން ހިންގި ޕްރޮޖެކްޓެކެވެ.
ބީއެމްއެލްގެ މި ޕްރޮޖެކްޓު ކާމިޔާބު ކުރި ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ ލިވް އެންޑް ލާން އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން މޯލްޑިވްސް އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އެވެ.
އެގޮތުން މި ޕްރޮޖެކްޓު ހިންގުމަށް ލިވް އެންޑް ލާން އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން މޯލްޑިވްސްއަށް ބީއެމްއެލްއިން ފޯރުކޮށްދީފައިވަނީ ތިން ގްލާސް ކްރަޝާ މެޝިނެވެ. އެތަކެތި ލިބުނީ ކ. ގާފަރު، އއ. އުކުޅަސް އަދި އދ. ދިގުރަށަށެވެ.
މޯޕާއަށް ބީއެމްއެލްއިން ފޯރުކޮށްދީފައިވަނީ އެއް ގްލާސް ކްރަޝާ މެޝިނާއި އެއް ބޭލާއެވެ. އެތަކެތި ލިބުނީ ހުޅުމާލެއަށެވެ.
މި ޕްރޮޖެކްޓުގައި ކުރި މަސައްކަތުގެ ސަބަބުން ކުނިގޮނޑުތަކަށް އުކާލެވޭ ކުނީގެ މިންވަރު މަދުކޮށް ކުނި ނައްތާލުމުގެ ޚަރަދު ކުޑަކޮށް، ހަރުދަނާ ގޮތެއްގައި ރީސައިކަލްކުރުމުގެ މަސައްކަތް ކުރިއެރުވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.



