ތައިލެންޑާއި ޔޫއޭއީ އިން އާސަންދައިގެ ހިދުމަތް ލިބެން ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހުގައި ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމަށް ކަނޑައަޅައި އެކަން އިއުލާނުކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މެމްބަރަކު ސުވާލުކުރެއްވުމުން ހީނާ ވިދާޅުވީ، ރައީސްގެ ވައުދާ އެއްގޮތަށް ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.
”ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭނަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އެ ވައުދު ފުއްދަވާނެ،“ ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ދެ ގައުމުގެ ހޮސްޕިޓަލްތަކާ އެކު މިހާރު މަޝްވަރާކޮށް، ކުރިއަށް ދެވޭނެ ގޮތެއް ހޯދާފައިވާ ކަމަށާއި އެއާ ގުޅޭ އިތުރު ތަފުސީލާއި ތާރީހެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އާސަންދައަކީ ”ހަމައެކަނި ވަކި ދިމާއެއްގައި“ އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ވާން އެމަނިކުފާނު ބޭނުންފުޅެއް ނުވެއެވެ. އަދި ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.




