ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާ ބަޔަކަށް ވެގެން ނުވާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙްމާން މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމެންބަރެއް އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަޙްމާން ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވަން، ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުން ފޮނުވާފަ ތިބި، ރައްޔިތުންގެ މަންދޫބުން އަނގަ ބަންދު ކޮށް ބަޓަނަށް އޮބާ ބޮޓުންނަށް ބަދަލުކުރުމުން އެތަނަށް ރައްޔިތުންގެ މަޖިލީހޭ ކިޔޭނެކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.
ދާއިރާ ރައްޔިތުން ވިއްކައިގެން މަޖިލީހަށް ވަދެ ބޮޓުންގެ ގޮތުގައި ތިބެން ދާއިރާތަކުގެ ރައްޔިތުން ރުހޭނެތޯ އާއިމެދު އަބްދުއްރަޙްމާން ވަނީ ސުވާލު އުފައްދާފައެވެ.
މީގެއިތުރުން، ބޮޓުން ސާފުވާނެ ވޯޓެއް މަޖްލިސް ތެރެއިން ވަރަށް އަވަހަށް ނެގިގެންދާނެ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް އަބްދުއްރަޙްމާން ވިދާޅުވިއެވެ.
މިއާއިއެކު އަބްދުއްރަޙްމާން ވަނީ ރައްޔިތުންގެ ހައްގުގައި ބަޔަކު ޖަހާ ހާ ބެރަކަށް ނަށާބަޔަކަށް މެންބަރުން ނުވުމަށާއި، މެންބަރުންނަކީ އިއްޒަތާއި ގަދަރުގައި ދިވެހި ރައްޔިތުންގެ ޙިދުމަތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ ހާލަތެއްގައި ތިބޭ ރައްޔިތުންގެ ހާދިމުންނަށް ވުމަށް އެދިފައެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރަކީ ހުސް ބަޓަނަށް އޮބާ ބޮޓަކަށް ނުވާނެކަމުގެ ޔަގީންކަން ދެއްވާ އަބްދުއްރަޙްމާން ވަނީ މިހެން ބުނެވޭނީ ކިތަށް ދާއިރާގެ މެންބަރުންނަށްތޯ ސުވާލު ކުރައްވާފައެވެ.



