ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބާޒާރުގައި ނީލަމުގައި ގަނެވިއްކުން ހުއްޓުވުމަގެ ބާރު ޤާނޫނު އަސާސީ އަށް ދިނުމަށް ތާއީދު ކުރާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެންބަރު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅައި ވީހާވެސް އަވަހަކަށް ފާސްކުރުމަށް ވެރިކަންކުރާ ޕާޓީ ޕީއެންސީން ނިންމުމާއި ގުޅިގެން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިޚާބުވެ ވަޑައިންނަވަނީ ވަރަށް ގިނަ ބައެއްގެ އިޚްލާސްތެރި ބުރަ މަސައްކަތުން ކަމަށެވެ.
މީގެއިތުރުން، އެބޭފުޅެއްގެ ސިޔާސީ ފިކުރާ ދައްކަވާ ވާހަކަފުޅާ އެބޭފުޅެއްގެ އަރިހުގައި ތިބި ބަޔަކާ އެބޭފުޅެއްގެ ފަރާތުން ދާއިރާ އަށާ ރައްޔިތުންނަށް ކޮށްދެވޭނެ ކަންކަމާ އެއިރެއްގަ އޮންނަ ސަރުކާރެއްގެ ވަޢުދުތައް ފުއްދުމުގައި އެހީތެރިވެ ވަޑައިންނެވޭނެ މިންވަރު ފަދަ ކިތަންމެ ކަމަކަށް ބަލާފައިކަމަށް ވެސް މަތީން ފާހަގަކުރެއްވިއެވެ.
މާތީން ވިދާޅުވީ ޚާއްސަ ގޮތެއްގައި ޕާޓީގެ ޓިކެޓްގައި ނުކުންނަވާ ބޭފުޅުން އިންތިޚާބުވެ ވަޑައިންނަވަނީ ޕާޓީގެ އުފުލޭ މުދަލާ ނޫފުލޭ މުދާ ބޭނުން ކުރައްވައިގެން ކަމަށެވެ.
އެހެންކަމުން އެބޭފުޅަކު އިންތިޚާބުވެވަޑައިންނަވާ ގޮތެއްގައި ދައުރު ނިންމަވަން ޖެހޭ ގޮތަށް އޮތުމަކީ ހުރިހާ މިންގަނޑަކުން ބެލިޔަސް ލާޒިމު ކަމެއް ކަމަށް މަތީން ވިދާޅުވިއެވެ.
މިއާއިއެކު މަޖިލިސް ގޮނޑިތައް ބާޒާރުގައި ނީލަމުގައި ގަނެވިއްކުން ހުއްޓުވުމުގެ ބާރު ޤާނޫނު އަސާސީ އަށް ދިނުމަށް ތާއީދު ކުރާކަމަށް މަތީން ވިދާޅުވިއެވެ.




