ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޖެންޑާ ކުރެވިއްޖެއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގެ މަޤްޞަދަކީ މަޖިލިސް މެންބަރުން އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތް ޤާނޫނުއަސާސީގައި ކަނޑައެޅުމެވެ.
މިހާރު ޢަމަލުކުރަމުންދާ އެންޓި ޑިފެކްޝަން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ، އެ މެންބަރަކު އަމިއްލައަށް އިސްތިޢުފާ ދޭންޖެހެއެވެ. މި ޤާނޫނުގައި އިސްތިޢުފާ ދޭންޖެހޭ ތިން ޙާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ:
1. އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވުން
2. އެހެން ޕާޓީއެއްގައި ދަފްތަރުވުން
3. އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން
މި ޙާލަތްތަކުގައި މެންބަރުން 7 ދުވަހުގެ ތެރޭގައި އިސްތިޢުފާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އިސްތިޢުފާ ނުދީފިނަމަ އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނުވެއެވެ.
ސަރުކާރުން މި ބިލު ހުށަހަޅާފައިވަނީ، އަމިއްލަ ފަރާތަކުން އެންޓި ޑިފެކްޝަން ޤާނޫނުގެ ބައެއް މާއްދާތައް ބާޠިލުކުރުމަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.
މި ބިލު ފާސްވެއްޖެނަމަ، މަޖިލިސް މެންބަރުން އިންތިޚާބުވި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަން ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކުރެވިގެންދާނެއެވެ



