އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ހުށަހަޅާފައިވާ ބިލު، އަވަހަށް ފާސްކުރުމަށް ބާރު އަޅައިދިނުމަށް އެމްޑީޕީގެ ފަރާތުން ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
މިމަހުގެ 12 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ ގަރާރު މަޖިލިހަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލިހަށް މީގެ ފަސް މަސް ކުރިން ޖޫން މަހުގެ 10 ވަނަ ދުވަހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އަދި މި ބިލާމެދު ގޮތެއް ނިންމުމަށް މިހާރު ކޮމިޓީ މަރުހަލާގައިވާއިރު، އޭގެ ފަހުން މިއަދަށް 163 ދުވަސް ވެއްޖެއެވެ. އެހެންކަމުން އެމްޑީޕީގެ ފަރާތުން ވަނީ މިބިލު އަވަހަށް ފާސްކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ހުށަހަޅައިފައެވެ.

އެގަރާރުގެ އިބްތިދާއީ ބަހުސް މިއަދު މަޖިލިހުގައި ކުރިއަށް ގެންދިޔުމަށްފަހު ގަރާރު ފާސް ކުރުމާ ގުޅޭގޮތުން މެންބަރުންގެ ވޯޓަށް ވަނީ އަހާފައެވެ. ނަމަވެސް ވޯޓުގެ ނަތީޖާ ދެއްކީ، މި ގަރާރު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 63 މެންބަރުންނެވެ. އަދި އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ވެސް ވޯޓު ދެއްވާފައެވެ.
އެހެންކަމުން މި ގަރާރު ފާސް ކުރަން ނުފެންނަ ކަމަށް ނިންމާ، މަޖިލިސް ތަޅުމުން ވަނީ ގަރާރު ބޭރުކޮށްލާފައެވެ.



