ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ބާރު ރައްޔިތުންނަށް ދެއްވުމަށް ކަމަށާއި ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ އެކަމުގެ ހެކި ކުރީގެ ޕްރޮސިކިއުޓާރ ޖެނެރަލް އަދި މިހާރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިހެން ވިދާޅުވެފައި ވަނީ ޕާޓީ ބަދަލު ކުރުމުންނާއި ޕާޓީން ވަކި ކުރުމުން މަޖިލިސް ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރުމާއި ގުޅިގެންގެން އެކަމަށް ތާއިދު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިޕޯސްޓާއިއެކު މުހުތާޒު ވަނީ ގާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާދައުވާ އިސްލާހުގެ މާއްދާއެއްވެސް ހިއްސާކޮށްފައެވެ.
މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި މެންބަރަކު މަގާމުން ވަކިކުރުމަށް އެމެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓު ލުމުގެ ޙައްގު ލިބިފައިވާ ޖުމްލަ އާބަދީގެ ޤާނޫނުގައި ބަޔާންކުރާ ވަކި އިންސައްތައެއްގެ ރައްޔިތުންގެ ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކިމިޓީން ދިރާސާކޮށް އެމެންބަރަކު މަގާމުން ވަކިކުރުމަށް އެދާއިރާގެ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
މިމާއްދާ ހިއްސާ ކުރުމަށްފަހު، މުހުތާޒު ވިދާޅުވީ ރައްޔިތުންނަށް ބާރު ދިނުމަށް ދެކޮޅު ހަދާ ފަރާތްތައް މިހާރު އެދަނީ ތިލަވަމުން ކަމަށެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މިއަދު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ވަނީ މަޖިލީހުން ބަލައިގެނެ، އެ ބިލު އަވަސް ކުރަން މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވަން ވަނީ ފާސްކޮށްފައެވެ.
އެ ބިލު ބަލައިގަތުމަށް 69 މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ. މިބިލާއި ދެކޮޅަށް 12 މެންބަރުން ވަނީ ވޯޓުދީފައެވެ.
ބިލުގެ ބަހުގައި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވަނީ އެ ބިލުގެ މަސައްކަތް ނިންމަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މިހުށަހެޅުން މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ވޯޓާ އެކުއެވެ. މިއާއި ދެކޮޅަށް 12 މެންބަރަކު ވަނީ ވޯޓުދީފައެވެ.



