ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލަށް ވޯޓައް އެހުން މިއަދު ހަވީރަށް ތާވަލު ކޮށްފިއެވެ.
މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އެމީހަކު ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، އެ މީހެއްގެ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިސްލާހު، މަޖިލީހަށް ބަލައިގެނެ، އެ ބިލު އަވަސް ކުރަން މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައެވެ.
ރައްޔިތުންގެ މަޖިލިހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
މިބިލަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލު ކޮށްފިނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްމާހުކުރަން ރައްޔިތުންގެ މަޖިލިހަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހަޅާފައިވާ ބިލެކެވެ.
މިބިލު އަވަސް ކުރަން މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވަން ފާސްކޮށް، ކޮމިޓީން މި ބިލާމެދު ވޯޓައް އެހުން މިއަދު ހަވީރަށް ތާވަލުކޮށްފައިވާކަން ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ”ސައުވީސް“ އަށް ވަނީ ޔަގީންކޮށްދެއްވާފައެވެ. އެގޮތުން އެ ޖަލްސާ ތާވަލު ކޮށްފައިވަނީ މިއަދު ހަވީރު 5:30 އަށް ކަމަށާއި ނަމަވެސް އެއަށްވުރެ އަވަހަށް ޖަލްސާ ބޭއްވުމަށް ވާހަކަ ދެކެވެމުންދާ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.
މީގެއިތުރުން މީކާއިލް ވަނީ މިބިލުގެ މަސައްކަތް މަޖިލިހުން މިހާ ބާރު ސްޕީޑެއްގައި ކުރިއަށްގެންދާތީ ”އެކްސް“ މެދުވެރިކޮށް ފާޑުވިދާޅުވެފައެވެ.
އެގޮތުން މީކާއިލް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރަން ބިލު ހުށަހެޅީ މިއަދު ކަމަށާއި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް މިއަދު ބިލާ ގުޅޭގޮތުން ބަހުސް ކުރުން ވެސް އޮތީ މިއަދު ކަމަށެވެ. އަދި މިބިލާ ގުޅޭގޮތުން ކޮމިޓީ މަސައްކަތް މިއަދު އޮތް އިރު ކޮމިޓީ ރިޕޯޓު އިއްވާ ބިލަށް ވޯޓަށް އެހުންވެސް މިއަދު ކަމަށް މީކާއިލް ވިދާޅުވިއެވެ.
”24 ގަޑިއިރު ތެރޭ ދަައުލަތެއްގެ ގާނޫނު އަސާސީ ބަދަލުކޮށްލާއިރު ރައްޔިތުން ގާތު ހޭވެސް އަހާނުލާ!“ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ކަނޑައަޅާފައިވާއިރު، ގާނޫނީ ފަންނުގެ ބޭފުޅުން ވަނީ އެގާނޫނުގެ ބައެއް މާއްދާތައް ގާނޫނުއަސާސީ އާއި ޚިލާފުވާކަން ފާހަގަކޮށްފައެވެ.



