ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ ފައިސާ ޗާޕުކުރުން ހުއްޓާލަން ނިންމުންކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިސަރުކާރުން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ”ހަފްތާ 52“ އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް، ވަރަށް ގިނަ މުހިންމު ބަދަލުތަކެއް ރައީސް ގެންނަވާފައިވާކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ ރައީސްގެ މި ނިންމުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް ކޮންމެހެން ނަގަންޖެހުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
”ޓެކްސްއާ އެކި ގޮތްގޮތުން ދައުލަތަށް ފައިސާ ވައްދާނެ ގޮތްތައް ހޯދިނަމަވެސް، އިޤްތިޞާދު ކުރަން ނޭގޭނަމަ އޭގެ އެއްވެސް ބޭނުމެއް ނެތް,“ މާލީ ވަޒީރު ވިދާޅުވިއެވެ. އަދި ރައީސްގެ ކޮންމެ ނިންމެވުމަކީ ފައިސާ އިޤްތިޞާދުކޮށް، މާލީ ނިޒާމަށް ހެޔޮބަދަލުތަކެއް ގެނުވާނެ ކަންކަންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”2022 އަދި 2023 ގައިވެސް ރިފޯމްގެ ވާހަކަ ދެއްކި. ނަމަވެސް މިއިން އެއްވެސް ކަމެއް ކުރަން ފިޔަވަޅެއް ނޭޅި. މިހާރު އަލުންބަލުން މި ފެށީ މި ބޮޑު މަސައްކަތް. މިހާރު މިއޮތީ ވަރަށް ގިނަ ރިފޯމްތަކެއް ތަންފީޒުކުރަން ފަށަން ތައްޔާރުވާ މަރުހަލާގައި. ބައެއް މުހިންމު ރިފޯމްތައް ގެނައުމަށް ނިންމާ އޭގެ ފިޔަވަޅު އަޅާފަވެސް އެބަހުރި“ މާލީ ވަޒީރު ވިދާޅުވިއެވެ.
އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްސަކޮށް ޓާގެޓް ސަބްސިޑީގެ ނިޒާމަކަށް ދިއުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަމަލުކުރަމުންދާ ނިޒާމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިމަސައްކަތް ފަށައިގަންނައިރު ދަތިތައް ކުރިމަތިވީނަމަވެސް، ދުރު ރާސްތާގައި މިކަމުން ބޮޑު މަންފާއެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އާސަންދަ ޚަރަދު ކުޑަކުރުމަށް ބަލްކުކޮށް ބޭސް ގެނައުމުގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ބޭހަށް ކުރާ ހޭދަ ސަރަހައްދީ ޤައުމުތަކާ އަޅާބަލާއިރު 70 އިންސައްތަ އިތުރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



