ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ބާރު އެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އެމީހަކު ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، އެ މީހެއްގެ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.
އެ އިސްލާހާ ގުޅިގެން ބަހުސް ކުރުމަށްފަހު، ނެގި ވޯޓުން ފާސްވީ އެބިލާމެދު ގޮތެއް ނިންމުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ. މިގޮތަށް ފާސްވެފައިވަނީ މިއަދު މަޖިލިހަށް ހާޒިރުވީ 82 މެންބަރުންގެ ތެރެއިން، މި އިސްލާހު ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަދަލުގައި މެންބަރު މީކާއިލް ހުށަހެޅުއްވީ މަޖިލިސް މެންބަރަކު ޕާޓީން ވަކިކުރާ ހާލަތުގައި، އޭނާ މަޖިލިސް މެންބަރުކަމުގެ މަގާމުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ މެދުގައި ވޯޓެއް ނަގަންޖެހޭ ގޮތަށެވެ.
މީގެ އިތުރުން މެންބަރަކު މަގާމުން ވަކިކުރުމަށް އެ މެންބަރަކު އިންތިހާބުކޮށްފައިވާ ދާއިރާއަކަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ، އެކަން މަޖިލީހުން ބެލުމަށްފަހު އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ވެސް އެ މެންބަރަކު މަގާމުން ވަކި ކުރެވިދާނެ ކަމަށް މީކާއިލް ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ނަމަވެސް މީކާއިލް ހުށަހެޅުއްވި އިސްލާހަށް ބަލައިގަތުމަށް ވޯޓު ދެއްވީ އެވަގުތު މަޖިލިހަށް ހާޒިރުވީ 80 މެންބަރުންގެ ތެރެއިން އެންމެ 12 މެންބަރުންނެވެ. އަދި 68 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ބޭރުކޮށްލުމަށެވެ.




