އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޣަތުލުއާންމު ހުއްޓުވުމަށް ގޮވާލައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މިހާތަނަށް ރާއްޖޭގެ ވެރިއަކު ކުރައްވާ އެންމެ ވަރުގަދަ އަދި ސާބިތު މަސައްކަތްޕުޅު ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެފައިވަނީ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ދެއްވި ސްޓޭޓްމަންޓެއްގައެވެ. ޑރ. ވަޙީދު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު ރިޔާސީ ދައުރު ބަދަލުވީއިރު ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހުއްޓެވެ. އޭގެ ތެރޭގައި ޚާރިޖީ، ދާޚިލީ އަދި އިޤްތިޞާދީ ގޮތުން ގޮންޖެހުންތަކެއް ހިމެނެއެވެ.
އިތުރަށް ވިދާޅުވި ގޮތުގައި، ދައުރު ބަދަލުވީއިރު ބައެއް ޤައުމުތަކާމެދު ދިވެހީންގެ ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ. އޭރު އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުމާމެދުވެސް ސުވާލުތަކެއް އުފެދިފައި ހުއްޓެވެ. އަދި އިންޑިއާގެ އިތުރުން ޗައިނާއާ މެދުވެސް އޮތް ގުޅުމަށް ނުރަނގަޅު އަސަރުތަކެއް އޭރު ކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމަށް ވަޑައިގެން މާގިނަ ދުވަހެއް ނުވެ އެ ގުޅުންތައް ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، މިއާއެކު ދެ ޤައުމާމެދު އޮތް ގުޅުން ބަދަހިވެގެން ދިޔަކަމަށް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ވަޙީދު ވިދާޅުވި ގޮތުގައި ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ އުފާކުރާ ކަމަކީ ފަލަސްޠީނުގައި ހިނގަމުންދާ ޣަތުލުއާންމު ހުއްޓުވުމަށް ކުރަމުންދާ މިންނެތް މަސައްކަތެވެ. އަދި އިސްލާމިކް ކޯޕަރޭޝަން އޮގަނައިޒޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ދެއްވި ތަޤުރީރަކީ ފަހަކަށް އައިސް ޤައުމެއްގެ ވެރިޔަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަޤުރީރު ކަމުގައި ވެސް ވިދާޅުވިއެވެ.




