ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤާނޫނުއަސާސީ އިޞްލާޙު ގެނައުމުގެ މި ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެންބަރުންނާއި ޤާނޫނީ ދާއިރާގެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ދެކޭގޮތުގައި މި ބިލާ ގުޅޭގޮތުން ބާ ކައުންސިލުގެ އާންމު މެންބަރުންގެ ޚިޔާލާއި މަޝްވަރާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، މި ބިލަށް ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ބާ ކައުންސިލުން މިއަދު ހުށަހަޅާފައިވެއެވެ.
ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލު ހޯދުމާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ގެނެވޭ އިޞްލާޙުތަކެއް ކަމުގައި ވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައެވެ.
”ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުޞަތެއް ލިބޭ ގޮތަށް މި ބިލުގެ ކަންކަން އިންތިޒާމުކޮށްދެއްވުމަށް އަޅުގަނޑުމެން ގޮވާލަމެވެ،“ ބަޔާނުގައި ބުނެފައިވެއެވެ.
މިބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ބިލު ބަލައިގަތުމަށްފަހު، ބިލު އަވަސް ކުރަން މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވުމަށްފަހު މިހާރު ވަނީ މި އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީން ވެސް ފާސްކޮށްފައެވެ.
ބިލު ފާސްކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބިލު ފާސްކުރަން ހާޒިރުވެ ތިބި 89 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓުދެއްވާފައިވާއިރު، ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ 13 މެންބަރުންނެވެ.
މީގެއިތުރުން، ކޮމިޓީން ނިންމާފައިވާ ގޮތް ތަޅުމުން ފާސްކުރަން މިއަދު ހަވީރު 5:30 އަށް މަޖިލީހުގެ ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފައެވެ.



