ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވެއްޖެ އެވެ.
މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އެމީހަކު ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، އެ މީހެއްގެ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިސްލާހު، މަޖިލީހަށް ބަލައިގެނެ، އެ ބިލު އަވަސް ކުރަން މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައެވެ.
ރައްޔިތުންގެ މަޖިލިހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
މިބިލަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލު ކޮށްފިނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްމާހުކުރަން ރައްޔިތުންގެ މަޖިލިހަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހަޅާފައިވާ ބިލެކެވެ.
ގާނޫނު އަސާސީއަށް ގެންނަން ފާސްވި އިސްލާހާއެކު އަންނަނިވި ހާލަތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ އެމެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
- ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު އިންތިހާބުވި ރައްޔިތުންގެ މަޖިލިހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލިހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
މިގާނޫނުގާއި މަޖިލިސް މެންބަރު ނިސްބަތްވާ ދާއިރާއެއްގައި ރިކޯލް ވޯޓު ނެގުން ހިމަނާފައިވާއިރު، ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެ ކަމަށާއި އަދި، ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހު މަޖިލިހުން ފާސްވެފައިވަނީ ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދީގެންނެވެ. އަދި މި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ 13 މެންބަރުންނެވެ. މަޖިލިހަށް ހާޒިރުވީ 91 މެންބަރުންނެވެ. މި އިސްލާހު ފާސްކުރަން ބޭނުންވަނީ 70 ވޯޓެވެ.




