އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރެކްރިއޭޝަން ކްލަބުގެ އޮޑިޓުގައި މައްސަލަތަކެއް ފެންމަތިވެ އެ ކްލަބުގެ ރައީސް ސަސްޕެންޑުކޮށްފިއެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި އެ ކޮމިޝަނުގެ ރެކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީން މި ދައުރުގެ މާލީ ހިސާބުތަކާއި ގުޅިގެން މިހާރު ތައްޔާރު ކުރަމުންދާ އޮޑިޓާގުޅިގެން، މި މަހުގެ 12ގައި ކްލަބުގެ ރައީސާ ގުޅުންހުރި ކަންތައްތަކެއް ވަނީ އެކޮމިޝަންގެ ސަމާލުކަމަށް އައިސްފައެވެ.
އެކޮމިޝަނުން ބުނީ މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި މިމައްސަލަ އެކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
އޭސީސީއިން ހާމަކޮށްފައިވާ ގޮތުގައި އެ މުވައްޒަފަކީ އެއްވެސް އިރެއްގައި ތަހުގީގުތަކާއި ގުޅުންހުރި މަސައްކަތްކޮށްފައިވާ ފަރާތެއް ނޫނެވެ. އަދި އެ ކޮމިޝަނުގައި އޭނާ މިހާރު އަދާކުރާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އޭސީސީއިން ބުނެފައިވެއެވެ.
މީގެއިތުރުން، މި މައްސަލައާ ގުޅިގެން ކްލަބުގެ އާންމު މެންބަރުންނަށް ހިންގާ ކޮމިޓީގެ ފަރާތުން މައުލޫމާތުދީ، ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައިވާކަމަށް އޭސީސީއިން ބުނެފައިވެއެވެ.
އޭސީސީ ރެކްރިއޭޝަން ކްލަބަކީ، އެހެން ކްލަބު ޖަމިއްޔާތަކެކޭ ވެސް އެއްގޮތަށް، ދިވެހިރާއްޖޭގެ ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ، އަދި ހަމަ އެކަނި ޖަމިއްޔާގެ ރެޖިސްޓްރާއަށް ޖަވާބުދާރީވާންޖެހޭ ކްލަބެކެވެ. އަދި ކްލަބުގެ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު އޮންނަ ވަކި ގާނޫނީ ޝަޚުސެކެވެ. އެ ގޮތުން އުފުލޭ ނުވަތަ ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން ހޯދުމާއި ލިބިގަތުމުގެ ހައްގު އެ ކްލަބަށް ވެސް ލިބިގެންވެއެވެ.



