ރައްޔިތުން މަޖިލީހުން އިއްޔެ ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ، ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއްކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
އެގޮތުން ރައީސްގެ ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވުންކަމުގައެވެ. އެހެންނަމަވެސް އިއްޔެ ގެނައި އިޞްލާޙާއެކު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައެޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިއްޔެ ގެނައި އިޞްލާޙާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) އާ ހަމައަށް ކަނޑައެޅޭނެ ކަމުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެގޮތަށް ކަނޑައަޅާ ސަރަޙައްދަކަށް ބަދަލު ގެނެވޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބި، އަދި އޭގެ އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިއްޔެ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުތަކާއެކު ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް، ޢަމަލީ ގޮތުން ޙަރަކާތްތެރި ވާނަމަ، އެކަމަށް މަޖިލީހުން ރުހުންލިބި ފާސްވާންޖެހޭކަމަށް ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މާއްދާއަކީވެސް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެވޭގޮތަށް މީގެ ކުރިން އޮތް މާއްދާއެއްކަމުގައި ފާހަގަކުރައްވާ، މިއަދު ގެނައި އިޞްލާޙަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ’އެންޓި ޑިފެކްޝަން‘ ޤާނޫނު އަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން އިއްޔެ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ހިނގައްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



