ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމަށް ކުރިން ކެމްޕޭނު ކުރެއްވިއިރު އެންމެ ގިނަ ރައްޔިތުން އެދުނު އެއްކަމަކީ ނުވަތަ ރައްޔިތުންގެ ޝަރުތަކީ މަޖިލިހަށް އިންތިހާބުވާ ޕާޓީ ބަދަލު ނުކުރުމަށް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމާ މިހެން ވިދާޅުވެފައި މިވަނީ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެކަމަށް ތާއީދުކުރައްވާ ރޭގައި ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ރުކުމާ ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވާދަކޮށް ކެންޕޭން ކުރިއިރު އެއްކަމަކަށް އެންމެ ގިނަ ރައްޔިތުން އެދުނީ އަދި ޝަރުތުކުރީ އިންތިޚާބުވާ ޕާޓީ ބަދަލު ނުކުރުމަށް ކަމަށެވެ.
”ތަޖުރިބާ ކުރެވުނު ހަގީގަތަކީ ލިބުނު ވޯޓުގެ އެންމެ މަތީ ނިސްބަތަކީ ޕާޓީއަށް ރައްޔިތުންދިން ވޯޓުކަން. ޚުދު އަޅުގަނޑަށްވެސް ޕާޓީ ބަދަލުކުރުމަށް ބޮޑެތި އަދަދުތަކުން ހުށައެޅި. ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުން ފެށިފައިވަނީ 2009 ގެ ފަހުން ނުވަތަ 17 ވަނަ ރައްޔިތުންގެ މަޖިލީހާ ހަމައިން. އެގޮތުން 17 ، 18 ، 19 ވަނަ މަޖިލީހުގައިވެސް ޕާޓީ ބަދަލުކުރުމުގެ ސަގާފަތެއް އޮތީ އަށަގަނެފައި“ ރުކުމާ ވިދާޅުވިއެވެ.
މީގެއިތުރުން މިގޮތަށް ޕާޓީ ބަދަލުކުރި ފަރާތްތަކަށް ގިނައަދަދުތަކުން ފައިސާ ހުށައެޅިކަމުގެ ތުހުމަތުވެސް ކުރެވޭ ކަމުގައި ރުކުމާ ވިދާޅުވިއެވެ.




