އެއްވެސް މަޝްވަރާ ކުރުމެއްނެތި ޤާނޫނު އަސާސީ ބަދަލު ކުރުމުން ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޤާނުނު އަސާސީއަށް އިސްލާހު ގެނެސް ބަދަލުކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދުއެވެ. އެ އިސްލާހު ހުށަހެޅުމަށްފަހު، އެބިލާމެދު އިއްޔެގެ މަޖިލީހުގައި ވަނީ ބަހުސް ކޮށްފައެވެ. އަދި ނެގުނު ވޯޓަށްފަހު އެ ބިލު މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފައިވަނީ ވެސް އިއްޔެއެވެ.
އެއަށްފަހު މި އިސްކާލާހު ގެނައުމަށް އިއްޔެ ހަވީރު ބޭއްވި މަޖިލިސް ޖަލްސާގައި ވޯޓު ނެގުމަށްފަހު، 78 މެންބަރުންގެ ވޯޓަކުން މި އިސްލާހު ޤާނޫނު އަސާސީއަށް ގެނައުމަށް ވަނީ ފާސްވެފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރޭގައި މި އިސްލާހު ގެނައުމުގެ ބިލު ތަސްދީޤުވެސް ކުރައްވާފައެވެ.
ޤާނޫނު އަސާސީއަށް މިފަދަ ބޮޑު ބަދަލެއް ކުއްލިގޮތަކަށް ގެނައުމުން ދަ ޑިމޮކްރެޓްސް އިން ވަނީ ރޭގައި ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަވާނީ ސިޔާސީ ޕާޓީތައް ޝާމިލުކޮށް ފުޅާމިނެއްގައި މަޝްވަރާކޮށްގެން ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވީ ނަމަވެސް އެއާ މުޅިން ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާ ނުލައި ގާނޫނު އަސާސީއަށް ގިނަ ބަދަލުތަކެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާކަން ވެސް ފާހަގަކޮށް ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ އެ ބަދަލުތަކުގެ ތެރޭގައި އެންޓި-ޑިފެކްޝަން އާ ގުޅޭ ހުށަހެޅުމެއް ހިމެނޭއިރު، މަޖިލިހުގެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކުރުމުން، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.



