އިދިކޮޅު އެމްޑީޕީން އެންޓި-ޑިފެކްޝަން ގާނޫނުގެ ބިލެއް ހުށަހަޅަން މީގެކުރިން މަސައްކަތް ކުރިއިރު، މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަލަދުކޮށްފިނަމަ ނުވަތަ އެޕާޓީއަކުން ވަކިކޮށްފިނަމަ އެ މެންބަރެއްގެ މަޖިލިސް ގޮނޑި ގެއްލޭނެ ވާހަކަ ނޯންނާނެ ކަމަށް އެޕާޓީގެ ޗެއާޕަރސަން އަދި ކުރިގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުން ގާނޫނު އަސާސީއަށް އިސްލާހުގެނެސް އިއްޔެ ފާސްކުރި ބިލާ ގުޅޭގޮތުން އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވިދާޅުވީ އެޕާޓީގެ އެންޓި-ޑިފެކްޝަން ގާނޫނުގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ވާހަކަ ނޯންނާނެ ކަމަށާއި އެ ޕާޓީން އޭގައި އުފަންކޮށްފައިވާނީ ”މޯރަލް ރެސްޕޮންސިބިލިޓީއެއް“ ގާއިމް ކުރުން ކަމަށެވެ.
”އޭގައި އޮންނާނެ އިސްތިއުފާ ދޭން ވާނެއޭ. އިސްތިއުފާ ނުދީފިނަމަ ވާނެގޮތެއް އެބިލުގައި ކަނޑައަޅާފައެއް ނޯންނާނެ. އިސްތިއުފާ ނުދީފި ހާލަތެއްގައި އަޅުގަނޑުމެން ޖާގަ ހުޅުވާފައި އެއޮތީ، ދެން އޮތް ބާރުގެ ދަށުން (ސުޕްރީމް ކޯޓުން) ގާނޫނު އަސާސީގައި އޮންނަ ގޮތުގެ މަތިން އެކަމުގައި ގޮތެއް ނިންމުމަށް“ ފައްޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ ޕާޓީގެ ވިޕްއާ ޚިލާފުވެގެން ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު އެ ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި އިއްޔެއާ ހަމައަށް ގެއްލޭނެ ގޮތެއް ނެތް ކަމަށާއި އެކަން އޮތީ އެ މެންބަރެއްގެ އަތްމަތީގައި ކަމަށެވެ.



