އެންމެ ހަ ގަޑިއިރު ތެރޭ ޤާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި އިސްލާހު ފާސްކުރުމަކީ ދުނިޔޭގެ ރިކޯޑެއްތޯ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ސުވާލު ކުރައްވައިފިއެވެ.
ޤާނޫނު އަސާސީ އިސްލާހުކޮށް ބަދަލު ގެނައުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދުއެވެ. އެ އިސްލާހުގެ ދަށުން އެންޓި-ޑިފެކްޝަން ބިލެއްވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރަކު، އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފިނަމަ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި ވަނީ ބިލާ ގުޅޭގޮތުން ބަހުސްކޮށް، މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކޮށް އަދި އެއާއެކު މަޖިލިސް މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވެސް ކޮށްފައެވެ. އަދި ހަމަ ރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބިލު ތަސްދީގުވެސް ކުރައްވާފައެވެ.
އެހެންކަމުން މި ބިލު ހުށަހެޅުމަށްފަހު، ފާސްވެ ތަސްދީގުކޮށް އަދި ބިލަށް ޢަމަލުކުރަން ފެށުމާމެދު ހޭދަވެފައިވަނީ މިފަދަ ކަމެއް ނިންމުމުގައި ހޭދަ ކުރަންޖެހޭވަރަށްވުރެ މާ ކުޑަ ވަގުތުކޮޅެއް ކަމަށާއި، މިފަދައިން ޤާނޫނު ބަދަލުކޮށްފައިވަނީ ކަމާ ގުޅުންހުރި އެއްވެސް ފަރާތަކާ މަޝްވަރާ ކުރުމެއްވެސް ނެތި ވަރަށް އަވަސް އަރުވާލައިގެން ކަމަށް ބުނެ އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކުންނާއި، 11 މަދަނީ ޖަމިއްޔާއެއްގެ އިތުރުން ގިނަ އަދަދެއްގެ އާންމުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ރޭގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ބަދަލަކީ މަޖިލިސް މެންބަރަކު އިންތިހާބުވުމަށްފަހު، ދާއިރާގެ ރައްޔިތުންނާއި އެ މެންބަރަކާއި ދެމެދު އޮންނަންޖެހޭ ގުޅުން އެއްކޮށް ކަނޑުވާލާ، ރައްޔިތުންގެ ބާރު މުޅިން ނިގުޅައިގަންނަ ބަދަލެއް ކަމަށެވެ.



