އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން، މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓު 350 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
”އެކްސް“ މެދުވެރިކޮށް އެ އޮފީހުން މިއަދު ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކޮށް ހުޅުވައިލެވިގެން ބޭއްވުމަށް ތާވަލުކުރެވުނު ބައްދަލުވުމަށް ހާޒިރުވެފައި ނުވާތީ، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް 350 ރުފިޔާއިން ޖޫރިމަނާކުރެވިފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ، މައުލޫމާތު ހޯދުމަށްއެދި ހައުސިންގް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ހުށަހެޅުމަކަށް އެ މިނިސްޓްރީއިން އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް ބުނެ އައިކޮމްއަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށްޓަކައި ހައުސިންގް މިނިސްޓްރީއާއެކު 7 ނޮވެންބަރަށް ބައްދަލުވުމެއް ތާވަލުކުރެވުނު ކަމަށެވެ. އަދި އައިކޮމްގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އަންގާ އެންގުމަށް މަޤްބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތްނަމަ، ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން 1 ގަޑިއިރުގެ ކުރިން އެކަން އަންގަންވާނެކަމަށް މަހޯލި ގަވާއިދުގައި އޮންނާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
ނަމަވެސް އެ ގަވާއިދުގައި ބުނެފައިވާ ގޮތަށް އަމަލުކޮށްފައި ނުވާތީ ހައުސިންގް މިނިސްޓްރީ 350 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އައިކޮމްއިން ބުނެފައިވެއެވެ.



