އިޒުރޭލު ރައްޔިތުންގެ ޕާސްޕޯޓު މަނާކުރުމުގެ ބަދަލުގައި އިޒްރޭލު ސަރުކާރުގެ އިސްވެރިންގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހަޅުއްވައިފި އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގަ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމާއިރު އެ ގައުމުގެ ޕާސްޕޯޓް އޮންނަނީ ހަމައެކަނި އިޒްރޭލުގައި ދިރިއުޅޭ މީހުންގެ އަތުގައި ނޫން ކަމަށެވެ.
އެމެރިކާ ބައްރުގެ ގައުމުތަކާއި މެދުއިރުމަތީގައި އޮންނަ އުރުދުންގެ އިތުރުން ފަލަސްތީނުފަދަ ދުނިޔޭގެ ކަންކޮޅުތަކުގައި އިޒްރޭލުގެ ޕާސްޕޯޓު އޮންނަކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު އިޒުރޭލުގެ ގިނަ އަދަދެއްގެ ބަޔަކު އާޖެންޓީނާއަށް ބަދަލުވެފައިވާއިރު، އެމީހުން ވެސް ބޭނުން ކުރަނީ އިޒުރޭލުގެ ޕާސްޕޯޓް ކަމަށެވެ. އަދި އިޒްރޭލުގެ ގިނަ މީހުންނަކީ ”ޑުއެލް ސިޓިޒަންޝިޕް“ އޮންނަ މީހުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ނާޒިމް ވަނީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވީ މީހުންގެ ތަފާސް ހިސާބުތަކާއި އެ މީހުން ރާއްޖެ އަންނަ ސަބަބު ހޯދުމަށް ހުށަހަޅާފައެވެ. އަދި ވިޔަފާރި ބޭނުމަށްތޯ ނޫނީ ފަތުރުވެރިންގެ ގޮތުގައިތޯ ވަކިން އެނގޭނެހެން މައުލޫމާތު ހޯދުމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ބުރައެއް ނުވެވޭ ބްލޭންކެޓް ބޭންއެއް އިޒުރޭލުގެ ޕާސްޕޯޓަކަށް ވީތީ އިމްޕޯސް ކުރާކަށެއް, ސަބަބަކީ އިޒުރޭލުގެ ޕާސްޕޯޓް އޮންނަ އަރަބިންވެސް މުސްލިމުންވެސް އުޅޭތީ“ ނާޒިމް ވިދާޅުވިއެވެ.
އެހެން ގައުމުތަކުގައި މަނާކުރަނީ އިޒްރޭލުގެ އަސައްކަރިއްޔާގައި އުޅޭ މީހުންގެ ޕާސްޕޯޓުކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އިންސާނީ ހައްގުތަކަށް އަރައިގަންނަ އިޒްރޭލު މީހުން އެތެރެވުންވެސް މަނާކުރާ ކަމަށެވެ.
”އެއީ ވެސް ކުރެވިދާނެ ކަމެއް. އިޒުރޭލުގެ ޕާސްޕޯޓް ހޯލްޑަރުންގެ ތެރޭގައި ހިމެނޭ އިޒުރޭލުގެ ސަރުކާރަށް ނިސްބަތްވާ, އިޒުރޭލު މިލިޓަރީއަށް ނިސްބަތްވާ ނޫނީ މިލިޓަރީ އެސްޓާބްލިޝްމެންޓަށް ނިސްބަތްވާ މީހުންގެ ޕާސްޕޯޓް ވާހަކައަކީ އެތެރެނުވެވޭ ގޮތް ހެދުންވެސް“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް އެދިފައި ވަނީ މައުލޫމާތު ހޯދަން ޖެހޭ ފަރާތްތަކަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ހޯދުމަށާއި، ޖަވާބުތަކަށް އަންނަ ޑިސެމްބަރު 2 ހިސާބަށް މުއްދަތު ދިނުމަށް ވެސް ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުމާއި މެދު ސަރުކާރުގެ އިދާރާތަކުންވެސް ދެކޭގޮތް ހޯދަން ޖެހޭ ކަމަށް ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.


