ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
މިއަދު އާންމުކުރި ލިސްޓުގައި 57 ކުންފުންޏަކަށް މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވާއިރު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން މި އަހަރު އަލަށް ހުއްދަ ދީފައި ވަނީ 14 ކުންފުންޏަކަށެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އުމްރާ މީހުން ގެންދިއުމަށް މިހާރު އެކުލަވާލާފައިވާ އާ ގަވާއިދުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް ކޮންމެ އިރަކު ވެސް އެދެވޭނެއެވެ. އަދި ހުއްދަ ހަމަވުމުގެ 30 ދުވަސް ކުރިން އެވުޒާރާއަށް ފޯމު ހުށަހެޅޭނެ ކަމަށާއި، ހުއްދަ އަށް އެދޭއިރު 20،000ރ. ގެ ފީއެއް ދައްކަން ޖެހޭ ނެ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން، ހުއްދަ އާކުރާ ނަމަ 15،000ރ. ގެ ފީއެއް ދައްކަން ޖެހެނޭ ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ.
މިހާރު ވަރަށް ގިނަ ބަޔަކު އެ ކުންފުނިތަކުގެ ހަވާލުގައި އުމްރާ އަށް ދާތީ ހުއްދަ އޮތް ކުންފުންޏެއްކަން ކަށަވަރު ނުކޮށް ފައިސާ ނުދެއްކުމަށް އެދި އެވުޒާރާއިން ބުނީ އެއާ ހިލާފަށް އަމަލުކޮށްގެން އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އޭގެ ޒިންމާ ނަގަންޖެ ހޭނީ ފައިސާ ދެއްކި ފަރާތަކު ކަމަށެވެ.
ރާއްޖޭގައި ހައްޖާ އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދާދި ފަހުން އެ ހިދުމަތްދޭ ކުންފުނިތަކާ އެކު ވަނީ މަހާހިންސާތާއެއް ބާއްވައި އުމްރާ ދަތުރުތަކުގެ އަގު ވީހާ ވެސް ކުޑަކޮށް، ވީހާ ވެސް ގިނަ ބަޔަކަށް އުމްރާ އަށް ދެވޭނެ މަގުފަހިކޮށް ދޭން ކުންފުނިތަކުގެ ކިބައިން އެދިފަ އެވެ.




