މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއާ ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ދަށުން ޖުމްލަ ހަތް ދާއިރާއަކުން ތަމްރީން ކުރެވޭނެއެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މިޕރޮގްރާމްއިން ފުރުސަތު ދެވިގެން ދާނީ ޖުމްލަ 18 ބައިވެރިންނަށެވެ.
އެގޮތުން 18 ބައިވެރިންނަށް މިޕްރޮގްރާމްގެ ދާއިރާތަކުގެ ތެރެއިން ޖާގަ ދިނުމަށް ހަމަޖެހިފައި ވަނީ:
- ވެލްޑިންގ – 4 ޖާގަ
- ކާޕެންޓަރ – 2 ޖާގަ
- މެޝިނިސްޓް – 2 ޖާގަ
- މެރިން މެކޭނިކް (މެރިން އިންޖިނިއަރިންގ) – 2 ޖާގަ
- އިލެކްޓްރިޝަން (އިލެކްޓްރިކަލް އިންޖިނިއަރިންގ) – 3 ޖާގަ
- މެކޭނިކް (ވެހިކަލް ރިޕެއަރ) – 2 ޖާގަ
- އެއަރ ކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން – 3 ޖާގަ
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސެއް ލިބޭނެކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.
މަސައްކަތުގެ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މީހުން ބިނާކުރުމުގެ މަގުސަދުގައި މިޕްރޮގްރާމް ކުރިއަށް ގެންދާއިރު، އެމްޕީއެލްއިން ވަނީ މީގެ ކުރިންވެސް އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގާފައެވެ. އަދި މިއެޕްރެންޓިސް ޕްރޮގްރާމްތަކުގައި ބައިވެރިވި ބައެއް ފަރާތްތަކަށް އެކުންފުނިން ވަނީ ދާއިމީ ވަޒީފާވެސް ވަނީ ދީފައެވެ.
މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން https://rb.gy/dvg46c މެދުވެރިކޮށް 24 ނޮވެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 ފޯމު ހުށަހެޅޭނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.




