މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް މުވައްޒަފެއްގެ ވަޒީފާ އާ ބެހޭ ޒާތީ މައުލޫމާތުތަކެއް މީސްމީޑިއާގައި ލީކުވެފައިވާ މައްސަލައެއް އެއޮތޯރިޓީން ބަލަން ފަށައިފިއެވެ.
މި ހަފްތާގެ ތެރޭގައި މީސްމީޑިއާގައި ލީކުވެފައިވާ މި މައުލޫމާތުތަކަކީ އެމްއެމްއޭގެ އިސް މުވައްޒަފެއްގެ ވަޒީފާ އާ ގުޅުންހުރި ޒާތީ މައުލޫމާތުތަކެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
މިއަދު އެމްއެމްއޭ އިން ބުނެފައި ވަނީ މުވައްޒަފުންގެ ޒާތީ މައުލޫމާތަކީ އެ އޮތޯރިޓީން ރައްކާތެރިކުރަން ބޭނުންވާ މައުލޫމާތު ކަމަށެވެ.
މި މައުލޫމާތު ލީކުވި މައްސަލަ، އެމްއެމްއޭގެ އިންޓާނަލް އޮޑިޓުން މިހާރު ބަލަމުން އަންނަ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
”އަދި މިކަމާ ގުޅޭ ބައެއް ކަންކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަންނީ އެހީތެރިކަން ވަނީ ހޯދާފައި،“ އެމްއެމްއޭ އިން ބުންޏެވެ. މިއީ މައްސަލައިގެ ސީރިއަސްކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.




